ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 4.1 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން ހުށަހަޅައިފިއެވެ.

މި މަހުގެ ދެވަނަ ދުވަހު އާޒިމާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް އިއްވި ހުކުމުގައި ސިވިލް ކޯޓުން ބުނީ، ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާ ނަންގަވާފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށާއި، އެގޮތުން ޑިމިނިޝިން މުޝަރަކާގެ ދަށުން ނަގާފައިވާ އެ ލޯނުގެ ދަށުން ހުކުމްކުރި ދުވަހުގެ ނިޔަލަށް 4،030،856 ރުފިޔާގެ އިތުރުން، ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ އެ ހުރިހާ ރުފިޔާއެއް ދައްކައި ނިންމުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ދައްކައި ނިމެންދެން އެއްބަސްވުމާ އެއްގޮތަށް އެ ފްލެޓު އެމްއައިބީގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ސިވިލް ކޯޓުން ކުރި އެ ހުކުމް އިސްތިއުނާފް ކުރަން އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓަކުން ވަކި ގޮތެއް ނުނިންމައެވެ.

އޭނާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަކީ ޒާތީ ހުކުމެއްގެ ގޮތުގައި، އާޒިމާ ވަނީ ސިފަކުރައްވައިފައެވެ.