މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނެއް ނުދައްކާ އޮތުމުން އެއަށްވާ 4.1 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު އިންތިހާބުގައިވެސް ވާދަ ކުރައްވާ އާޒިމާގެ މައްޗަށް މިއަދު އެ ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

ހުކުމުގައި ބުނެފައި ވަނީ އާޒިމާ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަންގަވާފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށެވެ. އެގޮތުން ޑިމިނިޝިން މުޝަރަކާ (ޑީއެމް)ގެ ދަށުން ނަގާފައިވާ މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް 4،030،856 ރުފިޔާގެ އިތުރުން ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް ވެއެވެ.

އެހެންކަމުން ޖުމްލަ 4،156،355 ރުފިޔާއަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ގާޒީ ޒުލައިހާ ޝީޒާ އިައްވެވި ހުކުމުގައިވެ އެވެ.

އަދި އެ ފައިސާ ދައްކާ ނިމެންދެން އެއްބަސްވުމާ އެއްގޮތަށް އެ ފްލެޓު އިސްލާމިކް ބޭންކުގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނީ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.