އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ 4.16 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން، ހަ މަސް ދުވަހުގެ ތެރޭ އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަކީ 'ޒާތީ' ހަމަލައެއްގެ ގޮތުގައި، ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ސިފަކުރައްވައިފިއެވެ.
އަންނަ ހަފުތާގެ ހޮނިހިރު ދުވަހު މާލޭގެ އާ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޒިމާ ރޭ ވިދާޅުވީ، އޭނާ އަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އަބަދު އެއް ގޮތެއްގައި ދެމިހުރުން ކަމަށެވެ. އޭނާ ވިދާޅުވީ، ވާދަވެރިން ކިތަންމެ މަސައްކަތެއް ކުރިޔަސް، އޭނާ ދެމިހުންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކަމަށެވެ.
"އެކަމުގެ ސަބަބުން އަޅުގަނޑުގެ އާއިލާ އަށް އަޅުގަނޑުގެ ދަރިފުޅަށް ކިތަންމެ ހަމަލާ އެއް ދިނަސް އަޅުގަނޑު ގުޑުވައެއް ނުލެވޭނެ،" އާޒިމާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ދައުލަތުގެ އިސް މަގާމުތައް ފުރުއްވި އިރު ސާބިތުކަމާ އެކު ރައްޔިތުންނަށް އޭނާ އަކީ އިހުލާސްތެރި ބޭފުޅެއްކަން ދައްކުވައިދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަލުގަނޑާ ކުޅުއްވަން ނޫޅުއްވާތި، އަޅުގަނޑަކާ ނުކުޅެވޭނެ،"
މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ދެން ތިބި ކެންޑިޑޭޓުންނަށް ދެއްވި ބަހުގެ ހަމަލާގައި އާޒިމާ ވިދާޅުވީ، ވާދަވެރިންގެ 22 މައްސަލައެއް މިހާރު ވެސް އޭސީސީން ބަލަމުންދާ ކަމަށާއި، އޭނާގެ އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އެއަށް ފަހު އާޒިމާ އަލިއަޅުވާލެއްވީ، ޕްލެޓިނަމް ރެޒިޑެންސްގެ ފްލެޓެއް ބައްލަވައިގަތުމަށް 2016 ވަނަ އަހަރު އޭނާ އެމްއައިބީން ނަންގަވާފައިވާ ލޯނަކަށް ގަވައިދުން ފައިސާ ދައްކަވަމުން ނުދާތީ 4.16 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމަށެވެ. އެކަމާ ގުޅިގެން އާޒިމާ ރޭ ބަޔާނެއް ވެސް ނެރުއްވާފައިވެއެވެ.
ރޭ ނެރުއްވި ބަޔާނުގައި އާޒިމާ ވިދާޅުވީ، އާމްދަނީ ގަވައިދުން ލިބެމުން ދިޔަ ދުވަސްވަރު ލޯނަށްވާ ފައިސާ ދައްކަވަމުން ގެންދެވި ކަމަށެވެ. ނަމަވެސް ސަރުކާރުން އޭނާގެ މައްޗަށް ކުރި ދައުވާގެ ސަބަބުން އާމްދަނީ ހުރަސް އެޅުނު ކަމަށާއި، އެހެންވެ ލޯނަށް ފައިސާ ނުދެއްކި ދިޔަ ކަމަށް، އާޒިމާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މަޔަކަށް ވުމުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ އަމިއްލަ މަސައްކަތުން. ނަމަވެސް ކޮވިޑްގެ ހާލަތާއެކު ވަޒީފާއެއް ނެތި އާމްދަނީ ހޯދުމަށް ކުރި ތަފާތު މަސައްކަތް ތަކުން ލޯނު ދެއްކުމަށް އެކަށީގެންވާ ކުރިއެރުމެއް ވަނީ ނުލިބިފައި" އެ ބަޔާނުގައި ވެއެވެ.
އަދި އިއްޔެ ކުރި ހުކުމްގެ ސަބަބުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި މި ކުރާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެއެވެ.