މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެފިއެވެ.
ސަރުކާރުގެ ފުރަތަމަ “ހަފްތާ 14"ގެ މަގުޗާޓުގައި ހިމަނާފައިވާ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް އައްޔަނު ކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ.
އެ ފުރުސަތު މިއަދުގެ މެންދުރުފަހު 1:30 ނިޔަލަށް ހަމަވާނެ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލައި އައްޔަންކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތައް:
- ދިވެހި ރައްޔިތަކު ކަމުގައިވުން.
- މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ ފަރާތަކަށްވުން.
- އުމުރުން 18 އަހަރު ވެފައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކު ކަމުގައިވުން
ފިޝަރީޒް މިނިސްޓްރީއިން ވަނީ މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލް ކުރުމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ކުރިމަތިލާ ފަރާތަކީ މިވަގުތު މަސްވެރިކަން ކުރާ ފަރާތެއްކަން ބަޔާންކުރާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށައަޅަން އެދިފައެވެ.
އެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މިނިސްޓްރީއަށް އީމެއިލް ކުރަން ވަނީ އެދިފައެވެ.