މަސް އޮޑިތަކަށް ނުދެވި ހުރި 100 މިލިއަން ރުފިޔާ ދޫކުރަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެ ފައިސާ ދިނުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި މިހާރުވެސް އެ ފައިސާ ދެމުންދާ ކަމަށެވެ.

އިއްޔެ މިފްކޯއިން ބުނީ ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފުރުސަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާ ކަމަކަށްވާއިރު ތިން ފަހަރެއްގެ މަތިން މަސްވެރިންނަށް 148 މިލިން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ 268 މިލިއަން ރުފިޔާ އަދި ވެސް ހުރިއިރު އެ ފައިސާ މި މަސް ނިމުމުގެ ކުރިން މަސްވެރިންނަށްދީ ހަލާސްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރެއެވެ.

މަސްވެރިކަމަށް ސަރުކާރުންދޭ އަހަންމިއްޔަތު ކަމާއެކު ފަސް އަހަރަށް ބަހާލައިގެން ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކަށް ރެސްކިއު ޑައިވިންގެ ތަމްރީނު ދޭން ސަރުކާރުން ނިންމާ އެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.