ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް ހުޅުވާފައި ހުންނާނެ ދުވަސްތަކެއް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން އިއުލާން ކޮށްފިއެވެ.

ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން މަރުކަޒީ ބޭންކުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ސަރުކާރު ބަންދުވި ނަމަވެސް ފަހު ދިހައިގެ 2 ދުވަހެއް ބޭންކު ހުޅުވާފައި ހުންނާނެ ކަމަށެވެ.

އެގޮތުން އޭޕްރީލް މަހުގެ 01 ވަނަ ދުވަހާއި 08 ވަނަ ދުވަހު ރަމަޟާން މަހުގެ އެހެން ދުވަސްތަކެކޭ އެއްގޮތަށް އާންމުންނަށާއި ބޭންކުތަކަށް ހިދުމަތްތައް ދެމުން ގެންދާނެ ކަމަށް އެ އިއުލާން ގައި ވެއެވެ.

މި އަަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ފަހު ދިހަ ބަންދު ކުރާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މި ދުވަސްތަކުގައި އޮފީސްތަކުންނާއި ކުންފުނިތަކުން އަމަލު ކުރަމުން ގެންދާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފަދަ ހަފުތާ ބަންދު ދުވަހު އަމަލުކުރާ ގޮތަށެވެ.

އަދި ހަމައެހެންމެ ޝިފްޓް ޑިއުޓީ އަށް ނުކުންނަން ޖެހޭ މީހުންގެ ކަންކަން އެ ކުންފުނިތަކުގައި ހަމަޖެހިފައި އޮންނަ އުސޫލުން ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.