ބްރައިޓް ބްރަދާސް ޕްރައިވެޓް ލިމިޓެޑަށް 170،153.92 ރުފިޔާ ދައްކަން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިވިލް ކޯޓުން ހުކުންކޮށްފިއެވެ.

ބްރައިޓް ބްރަދާސް އިން އެފްއޭއެމް އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ އޭޕްރީލް 01، 2020 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 5 އަހަރު ދުވަހުގެ މުއްދަތަށް، މއ. އޮލްވީނާގައި ހަދާފައިވާ އިމާރާތުގެ ގްރައުންޑް ފްލޯ ރެސްޓޯރެންޓާ އަދި ފަސްޓް ފްލޯ ކުއްޔަށް ނެގުމަށްފަހު، ދައްކަން ޖެހޭ ކުއްޔާއި ފެނާއި ކަރަންޓް ބިލު ނުދައްކައިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ދައުވާގައި ބްރައިޓް ބްރްދާސް އިން ބުނެފައި ވަނީ، އެފްއޭއެމަށް ކުއްޔަށް ދީފައިވާ ގްރައުންޑް ފްލޯ ރެސްޓޯރެންޓާއި ފަސްޓް ފްލޯގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން އޭޕްރީލް 15، 2022 އިން ފެށިގެން މެއި 31، 2022 ގެ ނިޔަލަށް ކުލި ދެއްކުމުގެ ގޮތުން އެފްއޭއެމުން ދީފައިވާ ޗެކުގައިވާ 150،000 ރުފިޔާ މިހާތަނަށް އައިއިރުވެސް ލިބިފައި ނުވާކަމަށެވެ. އެ ދައުވާގައި އިތުރަށް ވަނީ

- ޖޫން 1، 2022 އިން ފެށިގެން 14 ޖޫންގެ ނިޔަލަށް ކުލީގެ ގޮތުގައި 46،666.66 ދައްކަން ޖެހޭ

- ޖޫން 1، 2022 އިން ފެށިގެން 14 ޖޫންގެ ނިޔަލަށް ކަރަންޓް ބިލަށް 72،585.35 ރުރިޔާ ދައްކަން ޖެހޭ

- ޖޫން 1، 2022 އިން ފެށިގެން 14 ޖޫންގެ ނިޔަލަށް ފެންބިލަށް 901.91 ރުފިޔާ އަރާފައިވޭ

މީގެ އިތުރުން އެ ދައުވާގައި ވަނީ ދެފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުމާ އެފްއޭމުން ހިލާފުވުމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ 100،000 ރުފިޔާއަށް އަރާ ކަމަށެވެ. އެހެންކަމުން މި ހުރިހާ ފައިސާއެއް އެއްކޮށް ޖުމުލަ 370،153.92 ހޯދުމަށް ބްރައިޓް ބްރްދާސްއިން ވަނީ ހުށަހަޅާފައެވެ.

މި މައްސަލަ ބެލުމަށްފަހު ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ކަމުން 100،000 ރުފިޔާ ގެއްލުންވިކަން ދައުވާކުރާ ފަރާތުން ބުނުން ފިޔަވައި އެ ގެއްލުން ވީގޮތް ސާބިތު ކުރުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށާ އެހެންކަމުން އެއީ ނަގައިދެވޭނެ ބަދަލެއް ނޫންކަމަށެވެ. އެހެންނަމަވެސް އެ ތަން 5 އަހަރުގެ މުއްދަތަށް ކުއްޔަށްހިފި އެއްބަސްވުމުގެ ދަށުން ފައިސާ ނުދައްކާވާ މުއްދަތަށް ޖުމުލަ 223،487.26 ރުފިޔާ ދައްކަން ޖެހޭކަމަށް އެފްއޭއެމުން އެއްބަސްވެފައިވާ ކަމަށް މި ހުކުމުގައި ވަނީ ބުނެފައެވެ.

އޭގެ ތެރެއިން މިހާތަނަށް ދައްކާފައިނުވާ 123،487.26 އަކީ އެފްއޭއެމް އިން ބްރައިޓް ބްރަދާސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށާއި، 46،666.66 ރުފިޔާ އަކީވެސް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ 7 ދުވަހުގެ ތެރޭގައި މި ފައިސާ ދައްކާ ހަލާސްކުރުމަށް އަމުރުކޮށްފައެވެ.