ދިވެހިރާއްޖެ ޑެޕިއުޓީ މިނިސްޓަރުން، އިންޑިއާ އާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ފޮނުވުން ހުއްޓާލުމަށާ އަދި ރާއްޖެ ޕްރޮމޯޓްކުރުން ހުއްޓާލުމަށް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އިންޑިއާގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީ ޗެއާމަން ޑރ. ސުބާޝް ގޮޔާލް ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ފަތުރުވެރިކަމާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތްކުރަމުން ދާ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް، ޓްރެވަލް އޭޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ، ޓްރެވަލް އޭޖެންޓްސް ފެޑެރޭޝަން އޮފް އިންޑިއާ، އެޑްވެންޗާ ޓުއާ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއާ، އާޑީ އެސޯސިއޭޝަން އޮފް ޑޮމެސްޓިކް ޓުއާ އޮޕަރޭޓާސް ގެ އިތުރުން މައިސް އޭޖެންޓްސް އިން ރާއްޖެ ޕްރޮމޯޓްކުރުން ހުއްޓާލަން އެދިފައެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ އިންޑިއާ އަކީ ރާއްޖެއަށް ބޭރުގެ ފައިސާ އެންމެ ގިނައިން ވައްދައިދީ ވަޒިފާތައް އުފެއްދުމުގައި އެންމެ ކުރީގައި އޮތް އެއް ގައުމު ކަމަށެވެ. ރާއްޖެއާ ގުޅޭ ގޮތުން އަންނަ ހުރިހާ އެންކުއަރީތައް ލަކްޝަދީޕާ އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްއަށް ޑައިވާޓް ކުރުމަށް އެދެމުން މި ބަޔާނުގައި ވަނީ އެ ތަންތަނަކީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު ތަންތަންކަމުގައި ފާހަގަކޮށްފައެވެ. އަދި އިންޑިއާ ޓުއާ އޮޕަރޭޓަރުން ވެސް ރާއްޖޭގެ ބަދަލުގައި އިންޑިއާ ކަނޑުގައިވާ ސްރީ ލަންކާ, މޮރިޝަސް އަދި ފުކެޓް ތަންތަން ޕްރޮމޯޓްކުރުމަށް މި ބަޔާނުގައިވަނީ އެދިފައެވެ.

މީގެ އިތުރުން އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ބަދަލުގައި، އިންޑިއާގެ ލަކްޝަދީޕްގައި އިންވެސްޓް ކޮށްގެން ހުރިހާ ގޮތަކުން މާ ގިނަ ފައިދާތައް ހޯދިދާނެކަމުގައި ބުނެފައެވެ. އަދި މިހާރުވެސް ބައެއް ޓްރެވެލް އެޖެންސީތަކަށް ރާއްޖެ ޕްރޮމޯޓްކުރުން ހުއްޓާލުމަށް އަންގާފައި ވާނެކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.