އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް މަލާމާތް ރައްދުކޮށް ރާއްޖޭގެ 3 ނައިބު ވަޒީރަކު ހިންގި އަަމަލުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގޮންޖެހުންތައް ކުރިމަތިވާ އިރު، އެ ދާއިރާ ހިމެނޭހެން ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ 33،000 މީހުން އަހަރަކު 50 މިލިއަން ޑޮލަރު ގައުމަށް ފޮނުވައެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން، ހުސްވި 2022 ވަނަ އަހަރު އެކަނިވެސް 49 މިލިއަން ޑޮލަރު އަމިއްލަ ގައުމަށް އެމީހުން ފޮނުވާފައި ވެއެވެ.

މޯދީ ލަކްޝަދީޕަށް ވަޑައިގެން އެތާނގެ ރީތިކަން ހާމަވާ ވީޑިއޯތަކެއް އާންމު ކުރެއްވުމުން ރާއްޖޭގެ ސޯޝަލްމިޑިއާ އަކްޓިވިސްޓުންނާއި 3 ނައިބު ވަޒީރަކު އިންޑިއާ އަށް މަލާމާތް ކުރި މައްސަލަ ހޫނުވެ، އިންޑިއާގެ ސޯޝަލްމީޑިއާ އާއި މެއިންސްޓްރީމް މީޑިއާތަކުގައި ރާއްޖެ ބޯއިކޮޓު ކުރަން ފެށިއެވެ. އެއާއެކު އެ އިންޑިއާގެ ބޮލީވްޑްގައި އެތައްހާސް މިލިއަން ފޮލޯވަރުން ތިތި އެންމެ ވަރުގަދަ އެކްޓަރުން ކެމްޕެއިންގައި ބައިވެރިވާން ފެށުމުގެ އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ވަނީ މޯދީ އަށް މަލާމާތް ކުރި މައްސަލަ ނަގާފައެވެ.

މިއަދު ހަބަރުތަކުން ބުނާގޮތުގައި، އިންޑިއާގެ ޓެރެވަލް އެޖެންޓުން ހޮޓާތަކާއި ގެސްޓްހައުސްތައް އަދި ރިސޯޓު ބުކިންތަކުގެ އިތުރުން ފްލައިޓްތައް ދަނީ ކެންސަލް ކުރަމުންނެވެ. އެގޮތުން 'އީޒީމައިޓްރިޕް" ގެ އެއް ފައުންޑަރު ބުނީ، ރާއްޖެ ބޯއިކޮޓު ކުރުމުގައި ބައިވެރިވުމުގެ ގޮތުން، ރާއްޖެ އަންނަން އެ ކުންފުނި ފެނުވެރިވެގެން ހަދާފައި ވާ ހުރިހާ ބްކިންއެއް ކެންސަލް ކޮށްފި ކަމަށެވެ.

މިއާއެކު ކެންސަލް ކުރި ބްކިންގެ އަދަދު 8000 އަށް އަރާކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަކީ އިންޑިއާގެ މީހުން ގިނަ އަދަދަކަށް އަންނަ އިންޑަސްޓްރީއެކެވެ. ތަފށްހިސާބުތަކަށް ބަލާއިރު، ރަޝިއާ ނަގާފައި ދެން އެންމެ ގިނައިން އަންނަނީ އިންޑިއާ މީހުންނެވެ.

މިއާއެކު ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަކީ އިންޑިއާގެ އެތައް އިންވެސްޓަރުންނެއް އިންވެސްޓްކޮށް ހިންގާ ގިނަ ރިސޯޓުތަކެއްވެސް އޮތް އިންޑަސްޓްރީއެކެވެ. އަދި ގިނަ އަދަދެއްގެ އިންޑިއާ މީހުން ވަޒީފާތަކުގައި ތިބި އިރު، އެމީހުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ގައުމަށް ފޮނުވާ އަދަދުވެސް ގިނައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް އައުމާ ހަމައަށް 80 މިލިއަން ޑޮލަރު އިންޑިއާއަށް ފޮނުވަމުން ގެންގޮސްފައި ވެއެވެ. ކޮވިޑާ އެކު މަޑުޖެހުމެއް އައި ނަމަވެސް 2022 ގައި އަދަދު ރަނގަޅުކޮށް 49 މިލިއަން ޑޮލަރު ފޮނުވިއެވެ.

ރާއްޖޭގެ މިހާރުގެ ސަރުކާރަކީ ނިމިދިޔަ ސަރުކާރާ ހިލާފަށް އިދިކޮޅުގައި އޮތް އިރު އުފަންވެގެން އައި 'އިންޑިއާ އައުޓް' ހަރަކާތުގައި ހިމެނޭ އެތައް ބަޔަކު ތިބި ސަރުކާރަކަށް ވާއިރު ސިޔާސީ ބައެއް މަގާމުތަކުގައިވެސް އެ ހަރަކާތުގެ ބައެއް ބައިވެރިވެރިން އެބަތިއްބެވިއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ކުޑަމީސްކޮށް ސޯޝަލްމީޑިއާގައި އެފަދަ ވާހަކަތައް ދެއްކެވި ސިޔާސީ ބޭފުޅުންގެ ތެރޭގައި ކުރިންވެސް އިންޑިއާ އަށް ފާޅުގައި ފާޑުވިދާޅުވާ، މިހާރު ޔޫތު މިނިސްޓްރީގެ 3 ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދު ހިމެނެއެވެ.

ފާޑިކިއި މައްސަލަ ހޫނުވެ، މި 3 ވަޒީރުން ސަސްޕެންޑް ކުރި ނަމަވެސް އަދި މަޝްރަހު ފިންޏެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން މިއަދު އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު އެގައުމުގެ އެކްސްޓާނަލް އެފެއާޒަށް ހާޒިރު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

އާންމުކޮށް ގައުމުތަކުގެ ސަފީރުން އެގޮތަށް ހާޒިރު ކުރަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެގެން ނުވަތަ، އެގައުމެއްގެ ސިޠާސަތުތަކާ ހިލާފު ކަމެއް ކޮށްގެން ނުވަތަ ހިތްހަމަ ނުޖެހޭ ވާހަކަތަކެއް ދައްކައިގެންނެވެ.

ރާއްޖޭގެ އެކްޓިވިސްޓުންތަކެއް ކުރި ކަމެއްގެ ޒިންމާ މުޅި ސަރުކާރު އުފުލަން ޖެހި 'ލަދެއްގައި' ބެދިފައި ވާ އިރު، މި އަރާރުމުގެ ވާހަކަތައް މިހާރު ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސުރުހީތަކަށް ވެސް އަރާފައެވެ.

ރާއްޖެ އޮންނަ ތަނުގެ ގޮތުންނާއި، ދޭދޭ ގައުމުތަކުގެ ސިޔާސަތުތަކުގެ ތެރެއިން ރާއްޖެ އަކި މުހިންމު ގައުމަކަށް ވާއިރު، އިންޑިއާ އަކަށް ވެސް ރާއްޖެ ބޯއިކޮޓް ކޮށްގެން ތިބެން ފުއްދައެއް ނުލެވޭނެއެވެ. ގުޅުން ހީނަރުވިޔަސް ގުޅުން ކަނޑައެއް ނުލެވޭނެއެވެ.

ރާއްޖޭނެ މައްޗަށް އިންޑިއާގެ އެންމެ ބޮޑު ބިރަކީ ޗައިނާ ކައިރިވުން ކަމަށް ވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އެ މަގަށް މިސްރާބު ހިފާފައި ވާ ސަރުކާރެކެވެ.

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދައުވަތަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް މުއިއްޒާއި ބޮޑު ވަފުދެއް ދޭ ވަނީ ފުރާވަޑައިގެންފައެވެ.

މިއަދު މެންދުރު ފަހު 2 ޖަހާއިރު ޗައިނާ އަށް ފޯރާނެއެވެ. އެ ދަތުރުފުޅަކީ ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ މުޅިން އާ ސޮފްހާއެއް ފެށިގެން ދާނެ ދަތުރުފުޅެއް ކަމަށް ބެލެވޭ އިރު، ދެގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރާކަންވެސް އެނގިފައި ވެއެވެ.

އިންޑިއާއިން ރާއްޖެ ބޯއިކޮޓު ކުރުމުގެ ކެމްޕެއިންގެ އަނެއް ފަރާތުގައި ވަނީ، ރާއްޖެ ޗައިނާ އާ ގާތްވުން ކަމަށް ބެލެވޭނެ ޖާގަ އޮތް ނަމަވެސް، ރާއްޖޭގެ ބައެއް އެކްޓިވިސްޓުން އިންޑިއާގެ ވެރިންނަށް ކުޑަމީސް ކުރުމަކީވެސް ބަލައިގަނެވޭ ޒާތުގެ ކަމެއް ނޫނެވެ. އިންޑިއާ ނޫނަސް ރާއްޖެއާ ސިޔާސީ ގުޅުން އޮންނަ އެއްވެސް ގައުމެއްގެ ވެރި މީހާއަށް ކުޑަމީސް ކުރުމަކީ އަދަބާ ހިލާފު ކަމެކެވެ.

އިންޑިއާ ރާއްޖެގެ މި އަރާރުމުގައި ފްލައިޓްތައް ކެންސަލް ކޮށް ބްކިންތައް ކެންސަލް ކުރަމުން ގެންދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ސީދާ އަސަރު ކުރާނެ ކަމަކަށް ވާއިރު، އެ އަސަރު ރާއްޖޭގައި މަސަައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނަށް ވެސް ކުރާނެއެވެ.