ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ ހާއްސަ މުނާސަބާ ފާހަގަ ކުރާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަންނަގޮތަށް ހަމެޖެހިއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގެ އިތުރުން އިންޑިއާގެ ބައެއް އޮފިޝަލުން ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށާއި ދޭދޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލުތައް އެފަރާތްތަކުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ޖުލައި 25 އިން 26 އަށް މޯދީ ކުރައްވާ މި ދަތުރުފުޅާ ދިމާވާ ގޮތަށް ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިމެހެމާނަކީ މޯދީކަން އަދި ކަށަވަރެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުގައި މޯދީއަށް ދައުވަތު ދީފައި ވަނީ، މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރޭ މުނާސަބާއަށް މޯދީ ވަޑައިގަންނަވާއިރު ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ބަދަހި ގުޅުމެއްކަން ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން ވެރިރަށް މާލެ ބޯފެނަށް ޖެހުނު ވަގުތުގައި އިންޑިއާއިން ބޯފެން ފޯރުކޮށް ދިނުމާއި ކޮވިޑްގެ ބަލިމަޑުކަމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ.

އަދި މާލީ ގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ލޯނުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދީފައި ވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ހިނގަމުން ދާ 2025 އަދި 2026 އަށް ކަނޑައަޅާފައިވާ ލޯނުއެހީގެ މިންވަރުވެސް 600 ކްރޯޑް ރުޕީސް (70 މިލިއަން އެމެރިކާ ޑޮލަރު) އަށް ވަނީ މަތިކޮށްދީފައެވެ.

މިވަގުތު ވެސް އިންޑިއާގެ އެހީގައި ގިނަ މަޝްރޫއު ތަކެއް ރާއްޖޭގައި ހިންގަމުން އަންނަ އިރު އެންމެ އަގުބޮޑު އެއް މަޝްރޫއުގެ ގޮތުގައި ކުރިއަށް ދާ މާލެ-ވިލިނގިލި ބްރިޖްކީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓްލައިނެއްގެ ދަށުން ހިނގަމުން ދާ މަޝްރޫއެކެވެ. މީގެ އިތުރުން ހައި އިމްޕެކްޜް ޕްރޮޖެކްޓް ތަކުގެ ގޮތުގައި އިންޑިއާއިން ދީފައި ވާ އެހީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫއުތައް ހިނގަމުން އެބަދެއެވެ.