ބަންގްލަދޭޝްގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބުނެ އިދިކޮޅުން އިންތިހާބު ބޮއިކޮޓު ކޮށްފައި ވަނިކޮށް އިންތިހާބު ބާއްވާ ވޯޓު ގުނަން ފަށައިފިއެވެ.

އިދިކޮޅުން އިންތިހާބު ބޮއިކޮޓު ކުރި އެއް ސަބަބަކީ, ވެރިކަމުގައި ހުންނެވި ޝައިހު ހަސީނާ, ކޮރަޕްޝަނާއި ނުފޫޒުގެ ތެރެއިން އިންތިހާބު ކުރިއަށް ގެންދާތީއެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކެއާޓޭކާ ސަރުކާރަކާ [ވަގުތީ ސަރުކާރަކާ] ވެރިކަން ހަވާލުކުރަން އިދިކޮޅުން ގޮވަމުން ދިޔަނަމަވެސް އެކަން ހަސީނާ ކުރައްވާފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރަކީ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިރާއެވެ. އިދިކޮޅު ޕާޓީ އެކޭ އެއްގޮތަށް އެމެރިކާ އާއި އީޔޫއިންވެސް ވަނީ އިންތިހާބާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ނުތަނަވަސް ކަމުގައި ފާއިތުވި ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާ ވޯޓުލާ މަރުކަޒުތަކުގައި ރޯކޮށް ހަދާފައި ވީ ނަމަވެސް މިއަދު ވަނީ ވޯޓުލައިފައެވެ.

ހަބަރުތައް ބުނާގޮތުން ވޯޓުލާން މިއަދު ނިކުމެފައިވަނީ މަދު އަދަދެއްގެ ބަޔެއް ނަމަވެސް ހަސީނާ އާ ވާދަކުރެވޭނެ މީހަކު ނެތުމުން 4 ވަނަ ދައުރެއް ހަސީނާ އަށް ލިބިވަޑައިގަންނަވާނެ ކަމަށް ބުނެއެވެ.

މިދިޔަ 2028 ވަނަ އަހަރު އޮތް އިންތިހާބުގައި 80 ޕަސެންޓް މީހުން ވޯޓުލާން ނިކުތް އިރު މިއަދު ނިކުމެފައިވަނީ އެންމެ 27 ޕަސެންޓް މީހުންނެވެ.

އިންތިހާބާ ދިމާކޮށް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 20,000 މީހުން ހައްޔަރު ކޮށްގެން ބޭއްވި މިއިންތިހާބު މޮނިޓާ ކުރުމަށް ބޭރުގެ 300 ފަރާތަކުން ހަރަކާތްތެރި ވިއެވެ.