ފުލުހުންނަަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އެސީސީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމަށް އޭސީސީއިން ވަނީ އަންގާފައެވެ. ނަމަވެސް އޭސީސީގެ އެންގުމާ ހިލާފަށް ބައެއް ފުލުހުންނަށް ވަނީ ޕްރޮމޯޝަން ދީފައެވެ.

އެ މައްސަލަ ބަލާ ނިމެންދެން ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އޭސީސީއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެއާއެކު ސިވިލް ކޯޓުގެ އެ ނިންމުން އޭސީސީއިން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމަކާ ގާތަށް އައިސްފައި ވަނިކޮށް، ގިނަ އަދަދެއްގެ ފުލުހުންނަށް ވަނީ ޕްރޮމޯޝަން ދީފައެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ކުރީގެ ސަރުކާރަށް އާންމުވުމުން، ފުލުހުން ބުނެފައި ވަނީ އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާންކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި ޕްރޮމޯޝަން އޭރު ހަވާލުނުކުރީ ރިޔާސީ އިންތިހާބު ކައިރިވެފައި އޮތުމާއެކު އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ އެ ޕްރޮމޯޝަންތަކަކީ ފުލުހުންގެ ހިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް ކަމަށެވެ.