މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލަ ތަހުގީގުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ބަލައިދިނުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރުއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސް ކުރައްވައި އިއްޔެ އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ، އޮކްޓޯބަރު 2024 ގައި މޯލްޑިވް ގޭހުން އޯޑަރު ކުރި 800،000 ޑޮލަރުގެ ގޭސް ޝިޕްމެންޓުގެ އެޑްވާންސަށް ދެއްކި 246،645 ޑޮލަރުގެ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހޯދައި އެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމެޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.
މި މައްސަލަ ތިލަވީ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ ކަން ފާހަގަ ކުރެއްވުމުންނެވެ. އޭރު އެ މައްސަލަ މާލިއްޔަތު ކޮމިޓީއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ބަލަމުންދާ ކަމަށް ބުންޏެވެ. ނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ކޮމިޓީންވެސް އަދި އޭސީސީން ވެސް ހިއްސާކޮށްފައި ނުވެއެވެ.
އޭރު މޯލްޑިވްސް ގޭހުން ބުނީ އެ ފައިސާ ނުލިބޭތީ އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށާއި ސަޕްލަޔަރާ އެކު އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ ނުލިބޭ ކަމަށެވެ.
ގޭހުގެ ފައިސާ ގެއްލުނީ އަބްދުﷲ މުހައްމަދު ޖުވާ ކުޅެގެން ކަމަށް ބައެއް ރައްޔިތުން މަޖިލީހުގެ މެންބަރުން ވަނީ ދާދި ފަހުން ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް އިދާރާއަކުން އެފަދަ ކަމެއް ކަށަވަރުކޮށްދީފައި ނުވެއެވެ.
