2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން ހިންގާ ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދެފިއެވެ.

މި ދުވަސްވަރަކީ ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން، އެފަރާތްތަކަށް ދާއިރާގެ ވޯޓުލާ މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށް އޭސީސީން ބުނީ، ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެތިބުމަށާއި، އާންމު އިންތިހާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ހުރުމަތްތެރިކޮށް ހިތުމަށް ސަމާލުކަންދޭންޖެހޭ ކަމަށެވެ.

ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އާއި ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އަދި އެފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށާއި އެހެންކަމުން އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އޭސީސީން ބުނެފައި ވެއެވެ. އަދި ހަމަ އެހެންމެ އޭގެ ސަބަބުން ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމައަށް ނުހަނު ގެއްލުންބޮޑު ކަމެއް ކަމަށް އޭސީން ބުނެއެވެ.

"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ހަގީގީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް. މިފަދަ އިންތިޚާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި އަދި ދާއިރާއާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ޙަވާލުކުރާނެ ހަރުދަނާ ގާބިލު ބަޔަކު ކަނޑައެޅިގެންދިޔުމުން"
އޭސީސީ

އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއް ލަސްނުކޮށް ރިޕޯޓްކުރުމަށް ވެސް އޭސީސީން އެދިފައިވެއެވެ. އަދި އެފަދަ މައްސަލައެއް މިކޮމިޝަނަށް ހުށަހަޅައިފިނަމަ ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން މިކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެކަމެއް މިކޮމިޝަނުގެ ފަރާތުން ތަހުގީގުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.