ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ބަލާފައިވާ މައްސަލައެކެވެ. ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިއަދުއެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ އެކުއިޒިޝަން ކޮސްޓުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވެއެވެ. މިގޮތުން، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުތަކަށް ޖަމާކުރި ފައިސާގެ ތެރެއިން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިވެގެން 29,000.00 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ބައްސާމު އަދީލް ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ސާބިތުވެފައެވެ.
އޭ.ސީ.ސީން ބުނެފައިވަނީ ބައްސާމުގެ އެކައުންޓަށް ޖަމާވި މި ފައިސާ އޭނާގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ބައްސާމު ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވާކަންވެސް ތަޙުޤީޤަށް ވަނީ އެނގިފައެވެ.
މި މައްސަލައިގައި ބައްސާމު އަދީލް ޖަލީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ބައްސާމްގެ މައްޗަށް މީގެ ކުރިންވެސް ވަނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާތަކެއް އުފުލައިފައެވެ.
