ހުޅުމާލެއިން ގޯތި ލިބުނުކަމަށް ބުނެ ސައްހަ ނޫން ލިޔުން ހެދި 12 މީހަކަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިނުވާ މީހުން ގޯތި ލިބުނު ކަމަށް ދައްކައި، ސައްހަނޫން ލިޔެކިޔުން ހަދައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މި މީހުންގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ގ. ޕޫލްބަހާރުއާގެ، އަހުމަދު އަތީގު އަބްދުالله އަދި ނ. ވެލިދޫ، ޑޭޒީމާގެ އަހުމަދު މާޒިންގެ މައްޗަށް ވަނީ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީ ފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅެމުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްގުވެރިކަން އެނގޭނެ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން މި ދެ ފަރާތުން ހަދާފައިވާކަމަށެވެ.

މީގެއިތުރުން ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވަނީ މ. ފަޅުމަތީގެ، އަރުޝަދު އަލީގެ މައްޗަށް ކޮށްފައެވެ. ދެން ތިބި 9 މީހުންގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ކޮށްފައިވަނީ:

  • ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާއީ
  • މ. ޒޭވަރު، މުޙަހައްމަދު ފަޒީލް ރަޝީދު
  • ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
  • ދަފްތަރު. ނަންބަރު ރސ 9044، އާއިޝަތު މައުރޫފާ
  • ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުހައްމަދު އާދަމް
  • ހއ. ދިއްދޫ، ޖަމީލާ، އަބްދުލްމަޖީދު މާހިރު
  • މ. ވެސްޓްކޯސްޓް، ހުސައިން ޒާހިރު ޒައިނު
  • މ. ފަޅުމަތީގެ، އަޝްހަދު އަލީ
  • މ. ފަޅުމަތީގެ، އަހުމަދު އަލީ

ޕީޖީ އޮފީހުން ބުނީ ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލައިގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭތީ އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިމުމުން ދައުވާކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމާނެކަމަށްވެސް ވަނީ ބުނެފައެވެ.