ބަންގްލަދޭޝްގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާ ދިމާކޮށް ވޯޓުލާ މަރުކަޒުތަކުގައި އަލިފާން ރޯކޮށްލައިފިއެވެ.
މާދަމާގެ އިންތިހާބު އިދިކޮޅު ފަރާތްތަކުން ބޮއިކޮޓު ކޮށްގައި ވާއިރު އެތަން މިތާނގައި ރޯކޮށް ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ.
މިއަދު ވޯޓުލާ މަރުކަޒުތަކުގައި ރޯކޮށްލާފައި މިވަނީ ފަސިންޖަރުން އުފުލާ ރޭލެއްގައި ރޯކޮށްލި ކަމަށް ޝައްކު ކުރެވޭ ހަމަލާއެއްގައި ހަތަރު މީހަކު މަރުވިތާ ގަޑިއިރުތަކެއް ފަހުންނެވެ.
ހޮނިހިރު ދުވަހު ފުލުހުން ބުނީ ހަތަރު ވޯޓުލާ މަރުކަޒެއް ހިމެނޭ ގޮތަށް ފަސް ޕްރައިމަރީ ސްކޫލެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.
އިދިކޮޅު މައި ޕާޓީ އިން އިންތިހާބު ބޮއިކޮޓް ކުރަން ގޮވަމުން ދާއިރު، ހިންގަމުން އަންނަ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ޕެޓްރޯލް ކުރުން ވަރުގަދަކޮށް، ހައި އެލާޓުގައި ފުލުހުން ތިބި ކަމަށް ގާޒީޕޫރުގެ ޕޮލިސް ޗީފް ކާޒީ ޝަފީގުލް އަލަމް ވިދާޅުވިއެވެ.
ވޯޓުލާ މަރުކަޒުތަކުގެ ވަށައިގެން ސެކިއުރިޓީ ވަރުގަދަ ކުރުމަށް ބަންގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.
އަލިފާން ރޯކުރުމުގެ ހާދިސާތަކުން އިރުއުތުރުގެ ޑިސްޓްރިކްޓްތައް ކަމަށްވާ މައުލްވިބާޒާރާއި ހަބީގަންޖްގެ ވޯޓުލާ މަރުކަޒުތަކަށް ވެސް ހަމަލާދީފައިވާ ކަމަށާއި ފާއިތުވި ދެ ދުވަހުގެ ތެރޭގައި ވެސް އެފަދަ ހާދިސާތައް އެހެން ހިސާބުތަކުގައި ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ގޮނޑުދޮށުގެ ޑިސްޓްރިކްޓް ކަމަށްވާ ހުލްނާގެ ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި މަސައްކަތްކުރާ ސްކޫލެއްގައި އަލިފާން ރޯކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައެވެ. ޖެހިގެން އައި ދުވަހު ކައިރީގައި ހުރި ޕްރައިމަރީ ސްކޫލެއްގައި ރޯކޮށްލަން ކުރި އިތުރު މަސައްކަތެއް ހުއްޓުވި ކަމަށް އެ ޑިސްޓްރިކްޓްގެ ޕޮލިސް ޗީފް ސައިދުރު ރަހްމާން ވިދާޅުވިއެވެ.
އިދިކޮޅު މައި ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި އިދިކޮޅު އެހެން ގިނަ ޕާޓީތަކުން ވަނީ އިންތިހާބު ބޮއިކޮޓްކުރަން ގޮވާލާ، އެއީ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ހަރުދަނާ ކުރުމުގެ މަގްސަދުގައި ބާއްވާ އިންތިހާބެއް ކަމަށް ބުނެފައެވެ.
އާދީއްތަ ދުވަހު ނަގާ ވޯޓުގައި ހަސީނާ، 76، އަށް ޖެހިޖެހިގެން ހަތަރު ވަނަ ދައުރެއް ލިބޭނެ ކަމުގެ ވާހަކަތައް ފެތުރިފައިވާއިރު، އޮބްޒާވަރުން އަންނަނީ އިންތިހާބުގެ ކަންތައްތައް ވަކި ކޮޅަކަށް ބުރަވެފައިވާކަމަށް ބުނެ ފާޑުކިޔަމުންނެވެ.
ހާލިދާ ޒިޔާގެ ބީއެންޕީން ހޮނިހިރު ދުވަހު ވަނީ ވޯޓު ބޮއިކޮޓް ކުރުމަށް ގޮވާލައި 48 ގަޑިއިރުގެ އާންމު ހަޅުތާލެއް ފަށައި، ސަރުކާރަށް އިންސާފުވެރިކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ބުނެފައެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ޑާކާގެ ޝާހްބާގް އަވަށުގައި އެ ޕާޓީގެ ސަޕޯޓަރުންގެ ކުޑަ ބަޔަކު ވަނީ ހަޅުތާލުގައި ބައިވެރިވުމަށް ގޮވާލައި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. އިންތިހާބު ކުށްވެރިކުރުމަށް ނޭޝަނަލް ޕްރެސް ކްލަބްގެ ބޭރުގައި ވެސް ގާތްގަނޑަކަށް 200 އެއްހާ މީހުންގެ އިތުރު އެއްވުމެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
ރޭލުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ
ހުކުރު ދުވަހު ފަސިންޖަރުން އުފުލާ ރޭލެއްގައި ރޯކޮށްލި ކަމަށް ތުހުމަތު ކޮށް، އިދިކޮޅު ޕާޓީގެ ހަތް މެމްބަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ހޮނިހިރު ދުވަހުގެ ފަތިހު ވެރިރަށުން ހައްޔަރުކުރި މީހުންގެ ތެރޭގައި ބީއެންޕީގެ އިސް އޮފިޝަލެއް ކަމަށްވާ ނަބީالله ނަބީގެ އިތުރުން އެ ޕާޓީގެ އިތުރު ހަ އެކްޓިވިސްޓުން ހިމެނެއެވެ.
ޑާކާ މެޓްރޮޕޮލިޓަން ޕޮލިސްގެ ތަރުޖަމާނު ފާރޫގު ހުސައިން އޭއެފްޕީ ނިއުސް އެޖެންސީއަށް ފޯނުން ވިދާޅުވީ، ހަމަލާއަށް ފަންޑުކޮށް، އެކަމުގެ މޭސްތިރިއަކީ ނަބީ ކަމަށެވެ.
ހާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން ވިދާޅުވީ ހާދިސާ ހިނގި ދަނޑިވަޅުން ދޭހަވަނީ ގައުމުގެ ޑިމޮކްރެޓިކް މަރުހަލާތަކުގެ އުފާވެރިކަމާއި ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ. ނުބައި ނިޔަތެއްގައި ތިއްބެވި ބޭފުޅުން ރާވައިގެން ހިންގާ މިފަދަ ހާދިސާތަކަކީ ޑިމޮކްރެޓިކް ހަމަތަކުގެ އެންމެ ފުންމިނަށް އަރައިގަންނަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ބީއެންޕީގެ ތަރުޖަމާނު އޭކޭއެމް ވާހިދުއްޒަމާން އޭއެފްޕީއަށް ވިދާޅުވީ މި ހަމަލާތަކަކީ ވެރިކަން ކުރާ ސަރުކާރުން ރާވައިގެން ހިންގި ހަރުކަށި އަމަލުތަކެއް ކަމަށާއި އެއީ ބީއެންޕީގެ ހަރުކަށި ހަރަކާތް ބަދުނާމުކުރުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ސަމާލުކަން އެއްފަރާތް ކުރުން ކަމަށެވެ.
ރޭލުގައި ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
"ދެ ކުއްޖަކާ އެކު އަށް މީހުންގެ ވެސް ނޭވާލާ ނިޒާމު ވަނީ އަނދާފައި. އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން މިދަނީ" ވެރިރަށުގެ ސަރުކާރުގެ ސްޕެޝަލިސްޓް ބާންސް ހޮސްޕިޓަލެއްގެ ޑޮކްޓަރު ސަމަންތާ ލާލް ސެން ވިދާޅުވިއެވެ.