ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލި މަގު ހުޅުވާލުމަށް ނިންމާ، އެކަމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ލޯކަލް ގަވަމެންޓް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ބުނީ އެ މަގު ހުޅުވުމުގެ މަސައްކަތަކީ އަމީނީ މަގު ހެދުމުގެ ޕްރޮޖެކްޓާ ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމައްޓަކައި ރައީސް މުއިއްޒު އިރުޝާދުގެ މަތިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން މަގު ހުޅުވުމަށްޓަައި މަގު ސާފު ކުރުމުގެ މަސައްކަތް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން ކުރަމުންދާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލި މަގު ހުޅުވާލުމަށް ނިންމާ، އެކަމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި

ސަބްދެލި މަގު ބަންދުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިންގް މިނިސްޓަރުކަމުގައި ހުންނަވާ އެ މަގު ބަންދު ކުރީ ރަސްފަންނާ ދިމާލުން ބޮޑު ތަކުރުފާނު މަގުގައި ރިސޯޓް ކޮންސެޕްޓަށް ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތަކެއް އެޅުމަށެވެ.

"ކޮރަލް ބުލަވާޑް" ގެ ނަމުން ނަން ދީފައިވާ އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ކޮށްފައި ނުވެއެވެ. ނިމިދިޔަ ރައީސް އިބްރަހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިމަޝްރޫއު ވަނީ ހުޅުމާލެއަށް ބަދަލު ކޮށްފައެވެ.

ނަމަވެސް އޭގެ ފަހުންވެސް އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ފަށާފައި ނުވެއެވެ. ރައީސް ޔާމީންގެ ސަރުކާރުން އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަނާއެވެ