ވިއްސާރަވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގެއްލުންވާ ގެތަކުގެ މައުލޫމާތު އެއްކުރުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ސާވޭއެއް ފަށައިފިއެވެ.

މިއީ މާލޭގައި ފެން ބޮޑުވާ ގޭތަކުގެ މަޢުލޫމާތު އެއްކުރުމާއި އެ ގޭތަކުގެ ލޮކޭޝަންތައް މެޕްކުރުމާއި އަދި ފެން ބޮޑުވެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރުމުގެ ބޭނުގައި ކުރިއަށްދާ ސާވޭ އެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ސާވޭގައި 2023 ޑިސެންބަރު 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ގެއްލުން ލިބުނު ގެތަކަށް ޒިޔާރާތްކޮށް މަޢުލޫމާތު އެއްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދާ ސަވޭގެ ތެރެއިން ފޮޓޯ: އެމްއެންޑީއެފް

ދާދި ފަހުން މި މަހުގެ 1 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި 70 ގޭބީސީއަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އެދުވަހުގެ ވިއްސާރަ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު ގޭގެ ސްޓްރަކްޗާ (އޮނިގަނޑު) އަށް ގެއްލުން ލިބުނު 34 ގެއަކަށް ގެއްލުން ވެފައިވާއިރު ގޭގައި ބޭނުން ކުރާ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެ 65 ގެއަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އިރުވައި މޫސުމުގެ މި ވިއްސާރާގައި މާލޭގެ އިތުރުން، ވެލާނާ އެއާޕޯޓާއި ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ފެން ބޮޑުވުމުގެ ސަބަބުން ހިފައި ގެންގުޅޭ ތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ މަގުތަކުގައި ވެސްފެން ބޮޑުވެ، ދަތުރުފަތުރު ކުރުމުގައި ދަތިތައް ކުރިމަތިވުމާ ގުޅިގެން ސިފައިން ވަނީ ފެން ހިއްކުމަށްވެސް ނިކުމެފައެވެ.