ރާއްޖެ ކައިރިން ދަތުރު ކުރަނިކޮށް އިޒްރޭލަށް ނިސްބަތްވާ 2 ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާއެއް ދިން ކަމަށް ފަތުރާ ހަބަރަކީ ދޮގެއްކަން ހާމަ ވެއްޖެއެވެ.

އެ ހަބަރާ ގުޅިގެން ފެކްޓް ޗެކިން ސިސްޓަމްތަކުން ބުނެފައި ވަނީ، އެ ހާދިސާ އަކީ ޑޮސެމްބަރު 23، 2023 ގައި ހިނގާފައި ވާ ހާދިސާއެއް ކަމަށާއި ނަމަވެސް ޑްރޯން ހަމަލާއެއް އަމާޒުވެފައި ވަނީ އެންމެ ބޯޓަކަށް ކަމަށެވެ. އަދި އެ ހަބަރާއެކު ހިމަނާފައި ވާ ފޮޓޯއަކީ، ފެބްރުއަރީ 18، 2023 ގައި އީރާނާއި އިޒްރޭލުގެ ކޯޅުން ބުނެދޭން އާންމު ކުރި ރިޕޯޓެއްގައި ބޭނުން ކޮށްފައި އޮތް ފޮޓޯއެއް ކަމަށެވެ.

ހާދިސާގެ ތަފްސީލު ހާމަ ކުރަމުން ފެކްޓް ޗެކިން ނިޒާމުތަކުން ބުނެފައި ވަނީ، ޑްރޯން ހަމަލާ އަމާޒުވެފައި ވާ ބޯޓަކީ، ސައުދީގެ ޖުބައިލް އިން ފުރައިގެން އިންޑިއާގެ ނިއު މެންގަލޯރް ޕޯޓަށް ދަތުރު ކުރި 'ޗެމް ޕުލޫޓޯ' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ކަމަށާއި ހަމަލާ އަމާޒު ވި އިރު ބޯޓު އޮތީ އިންޑިއާގެ ވެރަވަލްގެ 230 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

ޑްރޯން ހަމަލާ އަމާޒު ވި ޗެމް ޕުލޫޓޯ ބޯޓު އޮތް ސަރަހައްދު ފެންނަ ޗާޓު

ހަމަލާ އަމާޒު ވީ ބޯޓުގެ ޕޫޕް ޑެކަށް ކަމަށާއި އެއާއެކު ބޯޓުގެ ހަލް އަށް ގެއްލުންތަކެއް ލިބުނު ނަމަވެސް ބޯޓުގައި ތިބި 22 ކްރޫއިންގެ މަސައްކަތުން ރޯވި އަލިފާންގަނޑު ނިއްވާލި ކަމަށެވެ. އަދި އިންޑިއާގެ ޕެޓްރޯލް ބޯޓު [ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދުއްވާ ބޯޓު' އައިސީޖީއެސް ވިކްރަމްގެ އެހީގައި އެ ތެޔޮ ބޯޓު މަންޒިލަށް ވާސިލުވެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިހާދިސާގެ ރިޕޯޓު ބީބީސީގައި ވެސް އާންމު ކޮށްފައި ވާ އިރު، އެ ރިޕޯޓުގައި ބުނެފައި ވަނީ، އެ ހަމަލާ ދިނީ އީރާނުން ކަމަށް އެމެރިކާއިން ތުހުމަތު ކުރާ ކަމަށެވެ.

ޑްރޯން ހަމަލާ އަމާޒު ވި ޗެމް ޕުލޫޓޯ ބޯޓާއި ހަމަލާގައި ލިބުނު ގެއްލުން ފެންނަ ފޮޓޯއެއް

ޖަޕާންގެ ރިއޯ ބްރިލާންޓޭގެ އެ ބޯޓަކީ ނެދަލޭންޑްގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ވާ އޭސް ކްއަންޓަމް ކެމިކަލް ޓޭންކާސް އިން އޮޕަރޭޓް ކުރާ ބޯޓެކެވެ. އަދި އެއީ އިޒްރޭލުގެ ބިލިއަނަރު އިޑަން އޮފާ އާ ގުޅުން އޮންނަ ބޯޓެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މި ހާދިސާގެ އިތުރުން އިއްޔެއަކު މިފަދަ އެހެން ބޯޓަކަށް އިންޑިއާ ކަނޑުގައި ހަމަލާއެއް އަމާޒުވެފައެއް ނުވެއެވެ.

ދިވެހި އަސްކަރިއްޔާގެ ސްޓާފަކުވެސް ހިމެނޭގޮތުން މިސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އިންޑިއާއިން ގާއިމު ކޮށްފައި ވާ އިދާރާގެ ޑިސެމްބަރު މަހުގެ ރިޕޯޓު ދައްކާ ގޮތުން، ރާއްޖެ ކައިރީގައި ކަނޑުމަތީގެ 1 ހާދިސާއެއް ހިނގާފައި ވެއެވެ. އޭގެ ތެރޭގައި ކަނޑުމަގުން ދަތުރުކުރަމުން ދިޔަ ބޯޓު ފަހަރުގެ ތެރެއިން 3 ބޯޓަކަށް އަމާޒުކޮށް ޑްރޯން ހަމަލާ ދީފައި ވާކަން ފާހަގަ ކޮށްފައި ވެއެވެ.

ޑްރޯން ހަމަލާތައް ދީފައިވާ ގޮތް ފެންނަ ޗާޓެއް / ސޯސް: އިންޑިއަން ނޭވީ

ޑްރޯން ހަމަލާތައް؛

  • ޑިސެމްބަރު 23، އިންޑިއާ ކަނޑުން ޗެމް ޕުލޫޓޯ އަށް ދިން ހަމަލާ
  • ޑިސެމްބަރު 23، ރަތްކަނޑުން ދަތުރުކުރި ބޯޓުތަކަށް އަމާޒުކޮށް ދިން ހަމަލާ
  • ޑިސެމްބަރު 26، ރަތްކަނޑުން ދަތުރުކުރި ބޯޓުތަކަށް އަމާޒުކޮށް ދިން ހަމަލާ

މީގެ ތެރެއިން ޑިސެމްބަރު 23 ވަނަ ދުވަހު ރަތްކަނޑުން ދަތުރުކުރި ބޯޓުތަކަށް ޑްރޯން ހަމަލާގެ 4 ހަމަލާ ފޮނުވާލި އިރު ރަތްކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކުން ވަނީ އެ 4 ޑްރޯންވެސް ވައްޓާލާފައެވެ. ހަމަ އެހެންމެ ޑިސެމްބަރު 26 ވަނަ ދުވަހު ޑްރޯން ހަމަލާގެ 12 ހަމަލާ އާއި އެންޓި ޝިޕް ބެލެސްޓިކް މިސައިލްގެ 3 ހަމަލާ އާއި އެއްގަމުން ފޮނުވާލި ކްރޫޒް މިސައިލްގެ 2 ހަމަލާއެއް އެމެރިކާއިން ނާކާމިޔާބު ކޮށްލި ކަމަށް އިންޑިއާގެ ނޭވީން ވަނީ ބުނެފައެވެ.