އާބަންކޯއިން ހުޅުމާލޭގައި ދެމުން ގެންދިޔަ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީކައުންސިލަށް ބަދަލު ވި މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތް ކުޑަ ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މުނިސިޕަލް ހިދުމަތްތައް ޖެނުއަރީ 1، 2024 އިން ފެށިގެން މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރުމާއެކު، އެ ހިދުމަތްތަކާއެކު ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވާ މުވައްޒަފުންގެ މުސާރައާއި އިންޝުއަރޭންސް އަދި އެހެން އިނާޔަތްތައް ކުޑަވާނެ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެފައި ވެއެވެ.

އެގޮތުން، އެއްވެސް މުވައްޒަފަކަށް ލިބޭ މުސާރައެއްވެސް އަދި އިނާޔަތެއްވެސް ކުޑަ ނުވާނެ ކަމަށާއި އަދި އަހަރު ނިމި އާއަހަރެއް ފެށުނަސް ކުޑަ ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސާނަން، މިހާރުވެސް އަދި އަހަރުވުމަށް ފަހުވެސް ލިބޭ އެއްޗެއް ކުޑައެއް ނުވާނެ"

ޑރ. މުއިއްޒު މިހެން ވިދާޅުވެފައި ވާއިރު، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާއެކު މުސާރައާއި އިނާޔަތްތައް ކުޑަވާނެ ކަމުގެ ވާހަކަ ތަކަކީ، މިމަހުގެ 13 ވަނަ ދުވަހު އޮންނަ ސިޓީ ކައުންސިލްގެ އިންތިހާބާ ދިމާކޮށް އެކިއެކި ފަރާތްތަކުން ދައްކައެވެ. އެގޮތުން ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވެރިކަން ކުރާ ޕާޓީގެ ފަރާތުން ކުރިމަތިލައްވާފައި ވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރުގެ ވާދަވެރިންނާއި އަދި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ އެހެން ކައުންސިލަރުންގެ ވާދަވެރިންގެ ސަޕޯޓަރުން އެވާހަކަ އެގޮތަށް ދައްކައެވެ.

ރައީސް މިރޭ ވިދާޅުވީ، އެކަން [މުސާރަ އާއި އިނާޔަތްތައް ކުޑަވެދާނެ ކަމަށް] އެގޮތަށް ވެދާނެ ދެކިގެން ބައެއް މުވަސްޒަފުންގެ ފަރާތުން އެމަނިކުފާނާ ހަމައަށް ޝަކުވާ ލިބިވަޑައިގެންފައި ވާ ކަމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރަން ޑިސެމްބަރު 31، 2023 ވަނަ ދުވަހު ކެބިނެޓުން ނިންމަވާ ހާމަ ކުރެއްވާފައި ވަނީ، ޖެނުއަރީ 1 އިން ފެށިގެން އެ ބަދަލު އަންނަ އިރު މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް އިތުރު އެއް އަހަރު ދުވަހު އެ މުސާރަ ލިބޭނެ ކަމަށެވެ.