ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރި 4،000 ފްލެޓާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީއިން ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލޭގެ ދެވަނަ ދިޔަވަހީގައި ތަރައްގީ ކުރަމުންދާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ ހަމަޖެހިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަަމަށެވެ. އަދި އެ ޔުނިޓުތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރުމަކީ އެ ކޯޕަރޭޝަނުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމަށެވެ.

އެގޮތުން ބައެއް ޓަވަރުރަކުގެ މަސައްކަތް ޝެޑިއުލަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެންބަރުގެ މަހުގެ ނިޔަލަށް މަސައްކަތް ހަލުވިކުރެވިފައިވާ ޓަވަރުތަކުގައި 31 ޝީޓް އަޅައި ނިންމާފައިވާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި އެއީ މި މަޝްރޫއުގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ހަލުވި ސްލެބް ސައިކަލްއެވެ.

ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ހައުސިން ޔުނިޓްތައް ހަވާލު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ މަސައްކަތްތެރިން ސައިޓުތަކުގައި 3 ޝިޕްޓްއަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ކުރީގެ ސަރުކާރުން ކުރިޔަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމް އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބުން ފަރާތްތަކަށް ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ އަންނަ ހަފްތާގައި ދީ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ގުޅީފަޅާއި ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށް ތައްޔާރު ވަމުންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.