ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ "މަދިރިން ރައްކާ" ސާފުކުރުމުގެ އިޖުތިމާއީ ހަރަކާތުގެ ދަށުން މިހާތަނަށް 670 ޓަނުގެ ކުނި ނަގައި ސާފުކޮށްފިއެވެ.
މި ކަމާ ގުޅިގެން އެފްޑީސީ އިން ބުނީ މިއީ ސާފު، ރައްކާތެރި އަދި ސިއްހީ ގޮތުން ދުޅަހެޔޮ މާހައުލެއް ބިނާކުރުމަށް ޓަކައި ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެއްކަމަށާއި، މި މަސައްކަތް ކުރިއަށްދިޔައީ އެފްޑީސީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހުޅުމާލެ ޕޮލިސް ގުޅިގެންކަމަށެވެ.
އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޒާން ވަނީ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ސީސީޓީވީ ފޫޓޭޖް މެދުވެރިކޮށް ދެނެގަނެ، ޖޫރިމަނާ ކުރަމުންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުނި އަޅާ ފަރާތްތައް ފާހަގަކުރެވިއްޖެ ނަމަ އެކަން ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އާންމުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
އެޗްޑީސީން ބުނީ، މަދިރި މަދުކުރުމަށާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ޓަކައި އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.
މީގެއިތުރުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ގަވާއިދުން ފޮގުކުރުމުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާއިރު، މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށްޓަކައި ބަސް ހުއްޓިތަކުގެ ފުރާޅުތައް ސާފުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ.
