މިދިޔަ އޮކްޓޯބަރު މަހު ގާޒާ ހަނގުރާމަ ފެށުނު ފަހުން ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އިޒްރޭލުން ލުބްނާނުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާތަކުގައި ހިޒްބުއްލޯގެ ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނީ ބުދަ ދުވަހު ވަކިވަކިން ދިން ހަމަލާތަކުގައި ހިޒްބުއްލޯގެ ނުވަ މީހަކު މަރުވެފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ރޭގަނޑުގެ ވަގުތުތަކުގައި ދިން ހަމަލާތަކުގެ ތެރޭގައި އިޒްރޭލުގެ އުތުރުގައި އޮންނަ އާބާދީތައް ކަމަށްވާ ޔިރްއޮން އާއި އަވީވިމްއިން ބޯޑަރު ހުރަސްކޮށް އޮންނަ ލުބްނާނުގެ ދެކުނުގެ ނަބަތީހް ގަވަރުނަރޭޓްގެ ޔަރޫން އަވަށުގައި ހުރި ހިޒްބުއްލޯގެ އަސްކަރީ އިންފްރާސްޓްރަކްޗާ އާއި އޮބްޒަވޭޝަން ޑިވައިސް ތަކަށް ދިން ހަމަލާތައް ހިމެނެއެވެ.

ހަމަލާގެ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތަކަށް ހަމަލާދީ ހަލާކުކޮށްލާ މަންޒަރު ފެނެއެވެ.

އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ އަސްކަރިއްޔާއާއި ހިޒްބުއްލޯއާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ލުބުނާނުގެ ގިނަ އަދަދެއްގެ އާންމުންނާއި ހިޒްބުއްލޯގެ 140 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ ބިރު

މި ހަމަލާތައް ދީފައިވަނީ މިދިޔަ އަންގާރަ ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ޑްރޯން ހަމަލާއެއްގައި ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހް އަލް އަރޫރީ މަރާލުމާ ގުޅިގެންނެވެ.

ހިޒްބުއްލޯގެ ވެރިޔާ ސައްޔިދު ހަސަން ނަސްރުالله ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވީ އަލްއަރޫރީ މަރާލުމަކީ "ވަރަށް ބޮޑު، ނުރައްކާތެރި ޖަރީމާއެއް ކަމަށާއި އެކަމާ މެދު ހިމޭނުން ތިބެވެން ނެތް" ކަމަށެވެ. ހިޒްބުއްލޯ އިން ތާއީދު ކުރަނީ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތަށެވެ.

އަލްޖަޒީރާގެ އިމްރާން ހާން ބުރާސްފަތި ދުވަހު ބެއިރޫތުން ރިޕޯޓް ކުރަމުން ބުނީ އިޒްރޭލާއި ހިޒްބުއްލޯ ގެ ވާހަކަތަކުން ދޭހަވަނީ އެއްވެސް ފަރާތަކުން ފަހަތަށް ޖެހެން ބޭނުން ނުވާ ކަމަށެވެ.

"އަލްއަރޫރީ އަވަހާރަކޮށްލުމާ އެކު ހިޒްބުއްލޯ އިން ރައްދު ދޭނީ އެމީހުން ބޭނުންވާ ވަގުތަކާއި ތަނެއްގައި. އެކަމަކު އެންމެން ވެސް ކަންބޮޑުވަނީ އެ ޖަވާބަކީ ކޮބައިތޯ. އަދި އެކަމަށް އިޒްރޭލުން ބަދަލު ހިފާނީ ކިހިނެތްތޯ" އޭނާ ބުންޏެވެ.

ހިޒްބުއްލޯގެ ބާރުގަދަ ސަރަހައްދު، ބެއިރޫތުގެ ދެކުނުގެ އަވަށެއް ކަމަށްވާ ދަހިއްޔާގައި އަލްއަރޫރީ މަރާލަން ދިން ހަމަލާގެ ޒިންމާ އިޒްރޭލުން އުފުލާފައެއް ނުވެއެވެ. ނަމަވެސް ގާޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ މުޅި ސަރަހައްދުގައި ހޫނުވަމުންދާކަމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

ހަމަނުޖެހުންތައް އިތުރަށް ގޯސްވުމަކީ އިޒްރޭލާއި ލުބްނާނަށް ވެސް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ އދ އިން ވަނީ ކެތްތެރިވުމަށް ގޮވާލާފައެވެ.

ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓްގެ މެމްބަރު ބެނީ ގަންޓޭޒަށް ފޯނުން ގުޅުއްވައި، "ވަކިން ހާއްސަކޮށް ލުބްނާނުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް" އިޒްރޭލަށް ގޮވާލާފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވަނީ، ހިޒްބުއްލޯ އިން ހަނގުރާމައެއް ފަށައިފިނަމަ ބެއިރޫތު ގާޒާއަށް ބަދަލުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.