2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ހަމަލާދޭން ފެށި ފަހުން ހައްޔަރުކުރި މީހުންގެ ތެރެއިން އެތައް ސަތޭކަ ގައިދީން ދޫކޮށްލައިފިއެވެ. މިއީ އެއް ފަހަރާ މިހާ ބައިވަރު ގައިދީންތަކެއް ދޫކޮށްލި ފުރަތަމަ ފަހަރެވެ.

ޔޫކްރެއިންގެ އޮފިޝަލުން ބުދަ ދުވަހު ބުނީ އެގައުމުގެ 230 ގައިދީން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ރަޝިއާއިން ބުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) މެދުވެރިކޮށް އެގައުމުގެ 248 ސިފައިން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

ހަނގުރާމައިގެ ދުވަސްވަރު ދެ ފަރާތުން ގިނަ މުއާމަލާތްތަކެއް ކުރި ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ހައްޔަރީން ބަދަލުކުރުމުގެ ޑީލުތައް ވަނީ ހުއްޓިފައެވެ. އެންމެ ފަހުގެ އެކްސްޗޭންޖަކީ ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި ކުރި ފުރަތަމަ އެކްސްޗޭންޖެވެ.

ޔޫކްރެއިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިފައިންނާއި އާންމުންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން ރަޝިއާގެ ބަންދުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

މިއީ އެއް ފަހަރާ މިހާ ބައިވަރު ގައިދީންތަކެއް ދޫކޮށްލި ފުރަތަމަ ފަހަރު

ޔޫކްރެއިންގެ ހިއުމަން ރައިޓްސް އޮމްބަޑްސްޕާސަން ޑިމިޓްރޯ ލުބިނެޓްސް ވިދާޅުވީ ޔޫކްރެއިންގެ 230 ގައިދީން ދޫކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި އާންމުންގެ ހަ ގައިދީން ވެސް ހިމެނޭ ކަމަށާއި މިއީ ދެ ފަރާތުގެ ދެމެދުގައި ހިނގި 49 ވަނަ ބަދަލުކުރުން ކަމަށެވެ.

މީގެ ތެރެއިން ޔޫކްރެއިންގެ ބައެއް މީހުންނަކީ 2022 ވަނަ އަހަރުން ފެށިގެން ހިފަހައްޓާފައި ތިބި މީހުންނެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ސްނޭކް އައިލެންޑާއި ޕޯޓު ސިޓީއެއް ކަމަށްވާ މަރިއުޕޯލްގެ ހަނގުރާމަތަކުގައި ބައިވެރިވި ބައެއް މީހުން ވެސް ހިމެނެއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ ޔޫއޭއީގެ މަޝްވަރާތަކަށް ފަހު އެގައުމުގެ 248 ސިފައިން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. މި އެކްސްޗޭންޖްގެ އިތުރު ތަފްސީލެއް ރަޝިއާގެ އޮފިޝަލުން ހާމައެއް ނުކުރެއެވެ.

ބެލްގޮރޮޑަށް ދިން ހަމަލާތައް

މީގެ އިތުރުން ބުދަ ދުވަހު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބޯޑަރު އޮންނަ އެގައުމުގެ ދެކުނުގެ ސަރަހައްދަކަށް ފޮނުވާލި 12 މިސައިލް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ.

ރަޝިއާގެ ބެލްގޮރޮޑް ސަރަހައްދުގެ ގަވަރުނަރު ވިޔަޗެސްލާވް ގްލެޑްކޯވް ވިދާޅުވީ ޔޫކްރެއިންއިން ތަކުރާރުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދޭން ފެށުމުން ހާލަތު އަދިވެސް އޮތީ ނުތަނަވަސްވެފައި ކަމަށެވެ.

އެންމެ ފަހުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދުތަކާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް، ގްލެޑްކޯވް ވިދާޅުވީ މި ނުރައްކާ ދެނެގަތުމަށް ބޮން ނައްތާލާ ޔުނިޓްތަކާ އެކު، ގޮއްވާލާފައި ނުވާ ހަތިޔާރުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ހުސްކުރަމުން އަންނަ ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ޓެކްނީޝަނުން މަސައްކަތް ކުރަމުން ދަނީ ނުގޮވާ ހުރި ޕްރޮޖެކްޓައިލްތައް ނައްތާލުމުގެ މަސައްކަތް ކަމަށާއި، 500 މީޓަރު (550 ޔާޑު) ގެ ތެރޭގައި ހިމެނޭ 323 ގެއެއްގެ ގާތްގަނޑަކަށް 600 އެއްހާ މީހުން ހުސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގްލެޑްކޯވް އިތުރަށް ވިދާޅުވީ ބުދަ ދުވަހުގެ ހަމަލާގައި އިތުރު ބައެއް އަވަށްތަކުގައި އަލިފާން ރޯވެ ކަރަންޓު ލައިނެއް ކެނޑިފައިވާ ކަމަށެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ ޔޫކްރެއިން އިން ވަނީ ވިލްހާ ހެވީ މަލްޓިޕަލް ރޮކެޓް ލޯންޗަރަކުން ހަ ޓޮޗްކާ-ޔޫ ބެލިސްޓިކް މިސައިލާއި ހަ ގައިޑެޑް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.

ހަނގުރާމަ ފެށުނު ފަހުން

މިދިޔަ ހުކުރު ދުވަހުން ފެށިގެން މޮސްކޯއިން ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް 300 އަށް ވުރެ ގިނަ ޑްރޯން ހަމަލާ އާއި އެކި ބާވަތުގެ މިސައިލް ހަމަލާ ދީފައި ވެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ބެލްގޮރޮޑަށް ދިން ހަމަލާތަކަށް އަދަބު ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.