ހުޅަނގުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދޭތީ އިނގިރޭސިވިލާތާއި ނޭޓޯގެ އެހެން ގައުމުތަކަށް ރަޝިއާއިން ދޭ އިންޒާރުތައް އިތުރުކުރި ނަމަވެސް، ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން ނޭޓޯއާ އެކު ސީދާ އަސްކަރީ ކުރިމަތިލުމަކަށް ދާން ބޭނުންފުޅެއް ނުވެއެވެ.

ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން ހުޅަނގުގެ އޮފިޝަލުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ސިފައިންނަށް ނުވަތަ ހަތިޔާރު އުފައްދާ ކާރުހާނާތަކަށް ހަމަލާދީފާނެ ކަމަށް މޮސްކޯއިން ދާދި ފަހުން ދިން އިންޒާރުތަކަކީ އާ ކަމެއް ނޫނެވެ. އަދި އެއީ ހުޅަނގަށް ޕްރެޝަރު ކުރުމަށް ރަޝިއާގެ އަސްކަރީ ސިޔާސަތުގެ ދަށުން ކުރާ ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ.

އޮފިޝަލުން ބުނި ގޮތުގައި، ރަޝިއާގެ އިންޒާރުތައް އިތުރުވެފައިވަނީ ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ލިބެމުންދާ ކުރިއެރުންތައް ލަސްވުމާއި، ޔޫކްރެއިނުން ރަޝިއާގެ އެތެރެއަށް ދެމުންދާ ދުރު ރާސްތާގެ ހަމަލާތަކާ ގުޅިގެން ޕުޓިންއަށް ގައުމުގެ އެތެރެއިން ކުރިމަތިވަމުންދާ ޕްރެޝަރުތަކުގެ ސަބަބުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާގެ ސީއައިއޭގެ ވެރިޔާ ޖޯން ރެޑްކްލިފް މި ހަފުތާގައި މޮސްކޯއަށް ކުރެއްވި ދަތުރުފުޅަކީ ނޭޓޯގެ ގައުމަކަށް ހަމަލާ ނުދިނުމަށް ރަޝިއާއަށް އިންޒާރު ދިނުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ. ރަޝިއާއިން ނޭޓޯއަށް ހަމަލާދީފާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޕުޓިންއާއި ރަޝިއާގެ އޮފިޝަލުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މި ހަފުތާގައި ވިދާޅުވި ގޮތުގައި ޕުޓިން ނޭޓޯގެ ސަރަހައްދަކަށް ހަމަލާއެއް ނުދެއްވާނެއެވެ. ނަމަވެސް، 2022 ވަނަ އަހަރު ޔޫކްރެއިނަށް ހަމަލާދިނުމުގެ ކުރިން ވެސް ޕުޓިން ވަނީ އެފަދަ ނިޔަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ހުޅަނގުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި، ސީދާ އަސްކަރީ ހަމަލާއަކަށް ނުގޮސް، ސައިބަރ އެޓޭކްތަކާއި، ސަބޮޓާޖް ކުރުމާއި، މީހުން މެރުމުގެ މަސައްކަތްތައް ފަދަ “ހައިބްރިޑް” ހަރަކާތްތައް ރަޝިއާއިން ކުރިއަށް ގެންދާނެއެވެ. މީގެ ބޭނުމަކީ ޔޫކްރެއިނަށް ހުޅަނގުން ދެމުންދާ އެހީތެރިކަން ކުޑަކުރުން ކަމަށް އޮފިޝަލުން ފާހަގަކުރިއެވެ. ނަމަވެސް މިފަދަ އަމަލުތަކުގެ ސަބަބުން އޮޅުމަކުން ނަމަވެސް އަސްކަރީ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމުގެ ނުރައްކާ އޮތް ކަމަށް އެއް އޮފިޝަލަކު ބުންޏެވެ.

ނޭޓޯގެ ބައެއް ގައުމުތަކުގައި ދާދި ފަހުން ހިނގާފައިވާ ޑްރޯންގެ ހާދިސާތަކުގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. މިގޮތުން މި މަހުގެ ކުރީކޮޅު ޖަރުމަނުވިލާތުގެ ލައިޕްޒިގް އެއާޕޯޓުގެ ރަންވޭއަށް ގޮވާތަކެއްޗާއެކު ޑްރޯނެއް ވެއްޓިފައިވެއެވެ. މިއީ ޔޫކްރެއިނަށް އަސްކަރީ ސާމާނު ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު މަރުކަޒެކެވެ. މިކަމުގައި ރަޝިއާގެ ބައިވެރިވުމެއް އޮތް ކަމުގެ ސީދާ ހެއްކެއް ނެތްއިރު، ރަޝިއާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ލައިޕްޒިގްގެ ހާދިސާއާ ގުޅިގެން ފަރަންސޭސިވިލާތުގެ ސަލާމަތީ އިދާރާތަކުގެ ވެރިޔާ ވަނީ، އެ ގައުމުގެ ބިމުގައި ސީދާ އަދި ނުރައްކާތެރި ހަމަލާތަކެއް ދީފާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ބަލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނޭޓޯގެ ގައުމުތަކުން ހާސްނުވެ ތިބުމަށް ހުޅަނގުގެ އޮފިޝަލަކު ވަނީ އިލްތިމާސްކޮށްފައެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ ރަޝިއާގެ އިންޒާރުތަކާ ހުރެ ޔޫކްރެއިނަށް ދޭ އެހީތެރިކަން ހުއްޓާނުލާނެ ކަމަށެވެ.

އޮފިޝަލުން ފާހަގަކުރި ގޮތުގައި މި އަހަރުގެ ތެރޭގައި ޔޫކްރެއިން ހަނގުރާމަ ވަނީ އިތުރަށް ހޫނުވެފައެވެ. ރަޝިއާއިން އިރުމަތީ ޑޮންބާސް ސަރަހައްދުގައި ލަސްލަހުން ކުރިއެރުންތައް ހޯދަމުންދިޔަ ނަމަވެސް، އެ ގައުމުގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އޮފިޝަލުން ބުނި ގޮތުގައި، އަލަށް ސިފައިންނަށް ވައްދާ މީހުންގެ އަދަދަށް ވުރެ މަހެއްގެ މައްޗަށް މަރުވާ އަދި ޒަހަމްވާ ސިފައިންގެ އަދަދު 6،000 އިތުރެވެ.

ރަޝިއާގައި ޕެޓްރޯލް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވުމުން، ހަނގުރާމައަށް އޮންނަ ތާއީދަށް އޭގެ އަސަރުކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ. ޕުޓިންއަށް ސިޔާސީ ޕްރެޝަރު ބޮޑުވަމުންދިޔަ ނަމަވެސް، އޭނާގެ ވެރިކަމަށް ނުރައްކާވާ ފަދަ ހާލަތަކަށް އަދި ނުދާ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި އާންމުކޮށް ސިފައިންނަށް މީހުން ނެރުމުގެ އަމުރެއް ޕުޓިން ނެރުއްވާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނަން ނެތް ކަމަށް އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.