ވިލިމާލެ މަގު ހެދުމުގެ މަޝްރޫއުގެ ކުރިން ހަދަންޖެހޭ ސާވޭތަކާއި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން އާރްޑީސީއާ ހަވާކޮށްފިއެވެ.

އާރްޑީސީއާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ މަސައްކަތެއް ކަން ފާހަގަ ކުރައްވާ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ވިލިމާލެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭތައް ހެދުމުން ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށާއި މަގުތަކުގެ މަސައްކަތް ކުރުމަށް ހަރަދުވެގެންދާނެ ފައިސާގެ އަދަދު އެނގި ކޮންޓްރެކްޓް ކުރެވިގެން ދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ސާވޭ ހެދުމުގެ މަގްސަދަކީ އެންމެ ރަނގަޅު ގޮތުގައި އެކަން ކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މުއްތަލިބް ވިދާޅުވީ އާރްޑީސީއިން ހިންގާ ސާވޭތަކުގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު އޮޅުންފިލުވައި، ތަރައްގީ ކުރަންވީ ހިސާބުތައް ދެނެގެނެވިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ވިލިމާލެގެ ރައްޔިތުން ހިތްހަމަ ޖެހޭނެހެން އެ މަޝްރޫއު ކުރިޔަށް ގެންދިއުން ކަމަށެވެ.

އާރްޑީސީއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 1.79 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށްކަން މިނިސްޓަރު މުއްތަލިބް ފާހަގަ ކުރެއްވިއެވެ.