ރެސްކިއުން ޑައިވާ ކޯސްތައް ކުރިއަށްގެންދަން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ސެޝަން ކުރިއަށް ގެންގޮސްފިއެވެ

ޑައިވްކުރުމުގެ ތެރޭގައި މަސްވރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ރާއްޖޭގެ މަސްވެރިކަން ކުރާ ކޮންމެ އުޅަނދަކުން މަދުވެގެން އެއް ފަޅުވެރިޔަކަށް "ރެސްކިޔު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ހެދުމަަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ އެކަން ކުރިއަށް ގެންދަން ރާވަފައިވާ ރެސްކިޔު ޑައިވާ ޕްރޮގްރާމްގެ ދަށުން ރެސްކިޔު ޑައިވާ ފެންވަރުގެ ކޯސްތައް ހިންގުމަށް ބޭނުންވާ ކަމަށެވެ. އަދި ޑައިވް އިންސްޓްރަކްޓާ ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީއިން ބުނެެއެވެ.

މިނިސްޓްރީއިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުގެ 11 ޖަހާއިރަށް އެ މިނިސްޓްރީއަށް ކަމަށެވެ.

މިނިސްޓްރީއިން ބުނީ ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ޏޫން 7 ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން އެ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ދެން ޕްރޮޕޯސަލް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކުރުމަށްފަހު ޖެހިގެން އަންނަ ރަސްމީ ދުވަހެއްގެ 11 ޖަހާއިރު ކަމަށެވެ.