އިޒްރޭލުން ގާޒާގެ އެކި ސަރަހައްދުތަކުގައި ދެމުން ގެންދާ ހަމަލާތައް ކުޑަ މިންވަރަކަށްވެސް މަޑުޖެހިފައި ނުވާއިރު، ޝަހީދުވި މީހުންގެ އަދަދު އެންމެ ފަހުން 22،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު މިހާރު 22،185 އަށް އަރާފައިވާއިރު، 57،000 މީހުން ޒަހަމްވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން އަންގާރަ ދުވަހު ވަނީ ބުނެފައެވެ. އެގޮތުން ދެކުނުގެ ސަރަހައްދުތައް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދެމުން ދިޔައިރު، ގެދޮރު ގެއްލިފައިވާ އެތައް ލައްކަ ބަޔަކަށް ވަނީ ރައްކާތެރި ހިޔާވަހިކަން ހޯދަންޖެހިފައެވެ.
އިޒްރޭލުން ގާޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތިންބައިކުޅަ ދެބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،140 މީހުން މަރުވެ، 240 އެއްހާ މީހުން ރަހީނުކޮށްފައި ވަނިކޮށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ދިން 15 ހަމަލާއެއްގައި ފަލަސްތީނުގެ 207 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި 338 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ދެކުނުގައި ހުންނަ ޚާން ޔުނިސްއިން ރިޕޯޓް ކުރާ އަލްޖަޒީރާގެ ހާނީ މަހްމޫދު ވިދާޅުވީ، ރޭގެ ވަގުތާއި އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
ބޮމުގެ ހަމަލާގެ ބާރުގަދަކަމާއި ގިނަ މަގުތަކަކާއި ގިނަ އިންފްރާސްޓްރަކްޗާތަކެއް ހަލާކުވުމުގެ ސަބަބުން އެމްބިއުލާންސްތައް އެ ސަރަހައްދުތަކަށް ގޮސް މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގައި ހުރަސްތަކަކާ ވަނީ ކުރިމަތިވެފައެވެ.
އިޒްރޭލު ސިފައިން ގާޒާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ދީރް އަލް ބަލާހްގެ ގެއަކަށް ހަމަލާދީފައިވާއިރު ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.
ގާޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ވެސް އިޒްރޭލުގެ ޑްރޯނަކުން ދިން ބަޑީގެ ހަމަލާއެއްގައި އަންހެން ކުއްޖަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. އަދި ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި އިޒްރޭލުން ދިން ބޮމުގެ ހަމަލާއެއްގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގާޒާގެ އުތުރުގައި ފަލަސްތީނުގެ އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.
އިޒްރޭލު ސިފައިންނަށް ދިން ހަމަލާ
ގާޒާގެ މެދުތެރޭގެ ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ކަސާމް ބްރިގޭޑްސް އިން ބުނީ ކޭމްޕުގެ އިރުމަތީ ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށާއި އަދި އިޒްރޭލުގެ މެރްކާވާ ޓޭންކަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ.
އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ އަލްޤުދުސް ބްރިގޭޑުން ބުނާ ގޮތުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ބުރެއިޖް ރެފިއުޖީ ކޭމްޕްގައި އިޒްރޭލު ސިފައިންނާ ހިނގި ހަނގުރާމައެއްގެ ސަބަބުން ސިފައިންނަށް ޒަހަމްތަކެއް ވަނީ ލިބިފައެވެ. ހަތިޔާރު އެޅި ގޮފިން ވަނީ ހާން ޔުނިސްގެ އަލް މަހައްޓާ ސަރަހައްދުގައި ވެސް އިޒްރޭލުގެ އަސްކަރިއްޔާއަށް ހަމަލާތައް އަމާޒުކޮށްފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ގާޒާގެ އައްސޭރިފަށުގައި އަދި ކައިރީގައި ހުރި އިމާރާތްތަކުގައި މައިން ހަރުކުރަމުން ދިޔަ ހަމާސްގެ މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި އުތުރުގައި އޮންނަ ގާޒާ ސިޓީގެ ދެކުނުގައި ހުރި އިމާރާތަކަށް ހަމާސްގެ ތިން މީހަކު ވަދެފައިވާތަން ފެނުމުން ވައިގެ ހަމަލާއެއްގައި އެ ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
ގެއްލުނު "ކާޓް ބްލޭންޗް"
ގާޒާގައި ފަލަސްތީނުގެ 22،000 މީހުން މަރާލުމާއެކު، ހުޅަނގުގެ ބައިވެރިންގެ އަތުން އިޒްރޭލުގެ "ކާޓް ބްލޭންޗް" ގެއްލިފައިވާ ކަމަށް މެދުއިރުމަތީގެ ކައުންސިލް އޮން ގްލޯބަލް އެފެއާޒްގެ ސީނިއާ ފެލޯ އާދިލް އަބްދުލް ގަފަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔޫރަޕާއި އެމެރިކާގައި ފަލަސްތީނަށް ތާއީދުކުރާ ބޮޑެތި އެއްވުންތަކުން ސިޔާސީ ފަރާތްތަކަށް ޕްރެޝަރު ކޮށްފައިވާ ކަމަށާއި، ބެލްޖިއަމް ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުން ގާޒާއާ މެދު ރާގު ބަދަލުކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
"މިއީ އިންތިހާބީ އަހަރަކަށް ވެފައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރޭޓިންދަށްވެފައި އޮތުމުން އެމެރިކާގެ ސިޔާސީ ކަންކަމަށް ސަމާލުކަން ދިނުމަކީ ވެސް ވަރަށް ޝައުގުވެރި ކަމެއް." އަބްދުލް ގަފަރު ވިދާޅުވިއެވެ.