ރާއްޖޭގައި ޓެކްސީ ކުރަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ޓެކްސީ ޓްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ނާޒިމް ވިދާޅުވީ މަސްވެރިކަމާއި ޓެކްސީކުރުން ފަދަ ބައެއް ކަންތައްތަކަކަީ އާމްދަނީ ހޯދުމަށް ދާއިމީ، ރަސްމީ ގޮތެއްގައި ކުރެވޭ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ކަންތައްތަައް ނުފުދިދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ލޯނުތަކަށް އެޕްލައި ކުރުމާއި އާމްދަނީ ލިބެމުންދާ ގޮތް މުވައްސަސާތަކަށް ހުށަހެޅުމާ މިފަދަ ކަންތައްތަކަށް ދަތިވެފައިވުމާއެކު ޓެކްސީ ޑްރައިވަރުންނަކީވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަށް މިކުރަމުންދާ މަސައްކަތުގެ ތެރެއިން ދަފްތަރު އެކުލަވާލަން ހުށަހަޅާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ކަމަށެވެ.

ނާޒިމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުމަށްފަހު އެ ދަފްތަރު އެކުލަވާލާއިރު ޑިޖިޓަލް ޕޭމަންޓް ނިޒާމު އޭގެ ތެރޭގައި ގާއިމު ކުރެވުމަށާއި ބޭންކްތަކާ މަޝްވަރާކޮށްގެން މި ފަދަ ނިޒާމެއްގެ ދަށުން ބޭންކް ތަކުން ނަގާ ފީގެ ނިސްބަތް އުވާލައިގެން މިކަން ކުރެވޭނެ ގޮތެއް ހަމަޖައްސަައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ޓެކްސީގެ ހިދުމަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި އާންމު ރައްޔިތުންގެ ވަރަށް ބޮޑު ޒަރޫރީ ބޭނުމަކަށްޓަކައި ދެމުންދާ ހިދުމަތަކަށްވާއިރު އެ ހިދުމަތް ތަރައްގީވެ، ތަހުޒީބު މުޖުތަމައެއްގައި އޮންނަ ގޮތަށް މާލޭގައި އެކަން ކުރުމަށް ކުރަން ޖެހޭ ކަންކަން ޓްރާންސްޕޯޓު މިނިސްޓްރީއިން ތަފްސީލީ ކަރުދާހެއް ތައްޔާރުކޮށް، ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ. އަދި އެކަން މި އަހަރުގެ ތެރޭގައި ބާރަށް ކުރިއަށް ގެންގޮސް ނިންމުމަށްވެސް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ހާއްސަކޮށް ރަސްމާލެ ތަރައްގީވަމުން އަންނައިރު އެ ތަނަކީ އިކޯ ސިޓީއެއްގެ ގޮތުގައި ރައީސް ނިންމަވާފައިވުމާއެކު އެތަނަށް ބޭނުންވާ ޓެކްސީ ފަދަ ހިދުމަތްތަކަކީ ތިމާވެއްޓާ ރަށްޓެހި ޓެކްސީތަކަކަށް ހެދުމަށް ކަުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަމަށްވާން ޖެހޭ ތައްުޔާރީތައްވުމާއި އެކަމަށް ތައްޔާރުވުމަށް އެކުލަވާލަން ޖެހޭ މަޝްވަރާތައް ކުރުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާއިރު މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ޓެކްސީ ޑްރައިވަރުންނާ ރަނގަޅަށް މަޝްވަރާކުރެވި އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭ ގޮތަށް ކުރިއަށް ގެންދިނުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ނިޒާމެއް ގާއިމުކުރާއިރު އެ އިންވެސްޓްމެންޓާ ގުޅޭ ކަންތައްތައް ސަރުކާރުގެ ކުންފުނިތަކަކުން ނުވަތަ ކުންފުންޏަކުން ހަވާލުވެގެން ކުރެވޭނެ ނިޒާމެއް ރާވާ ކުރިއަށް ގެންދެވުމަށް އިކޮނޮމިކް ކައުންސިލަށް އަންގާފައިވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މާލޭގައި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާއި ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އުފައްދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.