ތ. ބުރުނީ ބޭރުން ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް އިން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ ދިޔަވެފައިވަނީ މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި “އެމްއާރުސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. ބުރުނީގެ 4 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ މި ލޯންޗު ދިޔަވާކަމުގެ މައުލޫމާތު މިއަދު ހަވީރު ލިބުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ދ. ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިގޮތުން އެ ލޯންޗް ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު ތ. ބުރުންޏަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މި ލޯންޗުގައި ތިބި 16 މީހުން ތ. ބުރުންޏަށް ގެންގޮސްދީފައި ވަނީ ބުރުނި ހިޔަލަ ލޯންޗުން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވަރަށް ވިއްސާރަ ދުވަސްވަރެއްކަމުން، ކަނޑުމަތީގެ ކާރިސާތަކުން ރައްކާތެރިވުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ. އަދި ފުރުމުގެ ކުރިން ސަލާމަތީ ވަސީލަތްތައް ހަމަކުރުމާ، ކެޕޭސިޓީއަށްވުރެ އިތުރަށް މީހުންނާ މުދާ ނޭރުވުމަށްވެސް އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.