އައިޖީއެމްއެޗްއިން މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދޭނީ ބުދަ އަދި ހޮނިހިރު ދުވަހު ކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

މި ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވާފައިވާ "ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން" މި ވައުދުފުޅުގެ ދަށުން ދޭން ފަށާފައިވާ ހިދުމަތެކެވެ.

އެ ހިދުމަތް ދޭން ފެށުމާ ގުޅިގެން މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވިދާޅުވީ އައިޖީއެމްއެޗްއިން މެޑިކަލް ޗެކަޕް ހެދުމަށް ފޯނުން ގުޅައިގެން ނުވަތަ ހޮސްޕިޓަލަށް ވަޑައިގެން ކައުންޓަރުން ވެސް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އައިޖީއެމްއެޗްއިން އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވާނީ 7226614 ނަންބަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެޕޮއިންޓްމެންޓް ހެއްދުމަށް ނަން ނޯޓު ކުރުމަށްފަހު، އެޕޮއިންޓްމެންޓް ހަމަޖެހުމުން ހޮސްޕިޓަލުން އެ ފަރާތަކަށް ގުޅާ ތަފްސީލު އަރުވާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އެގޮތުން ނުކައި ހުރެ ހަދަން ޖެހޭ ޓެސްޓެއް ނަމަ ނުކައި ހުރެ އައުމަށް އިރުޝާދު ދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެއަށްފަހު އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ދުވަހު ހޮސްޕިޓަލްއަށް ގޮސް މެޑިކަޕް ޗެކަޕް ހެދުމަށް ހާއްސަ ޓޯކެންއެއް ނެގުމަށްފަހު، މެމޯ ހެއްދުމުން މެޑިކަލް ޗެކަޕް ހެދުމަށް ހާއްސަ ކުރެވިފައިވާ ތަނަށް ކައުންޓަރުގައި ތިއްބަވާ ހޮސްޕިޓަލްގެ މުވައްޒަފުން މައުލޫމާތު ދެއްވާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އަދި ޓެސްޓްތައް ހެދުމަށްފަހު ނަތީޖާ ލިބުމުން އަނެއްކާވެސް ހޮސްޕިޓަލުން ގުޅާނެ ކަމަށާއި އާސަންދައިގެ ދަށުން ފުރަން ޖެހޭ ފޯމުތައް ފުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ޗެކަޕްގެ ރިޕޯޓްތަކަށް ބަލުމަށްފަހު، ބައްޔެއް ފާހަގަ ކުރެވޭނަމަ އެ މީހަކު ސްޕެޝިއަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް ޑޮކްޓަރު ރެފާ ކުރައްވާނެ ކަމަށެވެ. އަދި ފުރަތަމަ އެޕޮއިންޓްމެންޓް ހެއްދުމަށް ހުޅުވާލާއިރު ފަށަނީ ހޮނިހިރު ދުވަހާ ބުދަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހެލްތް ޗެކްއަޕް ހިނގަމުންދާނީ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށާއި ކޮންސަލްޓޭޝަން ހިނގަމުންދާނީ އަންގާރަ ދުވަހާއި ހޮނިހިރު ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިމާންޑް އިތުރުވާ ވަރަކުން ދުވަސްތައް އިތުރު ކުރަމުންދާނެ ކަމަށް ވެސް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ވިލިމާލެ ހޮސްޕިޓަލްއިން ޗެކަޕް ހެދުމަށް ގުޅާނީ 3038520 ނަންބަރަށް ކަމަށާއި ހުޅުމާލެ ހޮސްޕިޓަލްއިން އެޕޮއިންޓްމެންޓް ހޯދުމަށް ގުޅާނީ 1417 ނަންބަރަށް ކަމަށް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

އިބްރާހިމް އިތުރަށް ވިދާޅުވީ ހުޅުމާލެ ފޭސް 2 16 ވަނަ ޓަވަރުގައި ހުންނަ ޖީޕީ ކްލިނިކުން ވެސް މެޑިކަލް ޗެކަޕްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި އެ ކްލިނިކަށް ވަޑައިގަތުމުން ކިޔުގައި ނުޖެހި ހިދުމަތް ލިބިގެންދާނެ ކަމަށެވެ.