50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވާފައިވާ "ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން" މި ވައުދުފުޅުގެ ދަށުން މިއަދުން ފެށިގެން އެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

އެކި އުމުރުފުރާތަކަށް މެޑިކަލް ޗެކަޕްގެ ހިދުމަތް ތަންފީޒު ކުރާ ތާރީހުތަކަށް ބަލާއިރު މިއަދު ފެށިގެން އުމުރުން 50 އަހަރަށް ވުރެ މަތީގެ މީހުންނަށް އެ ހިދުމަތް ލިބޭއިރު 1 އޭޕްރީލްއިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދު އަދި 19 އަހަރުން ދަށުގެ ކުދިންނަށްވެސް އެ ހިދުމަތް ލިބޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.

ސްކޫލްކުދިންނަށް އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސްކޫލް ސްކްރީނިން ޕްރޮގްރާމް މުރާޖައާކުރުމަށްފަހު 1 އޭޕްރީލްގައެވެ. އަދި 19 އަހަރާއި 34 އަހަރާއި ދެމެދު އުމުރު ފުރައިގެ މީހުންނަށް އެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ.

އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކަމާގުޅޭ ފަންނީ އެންމެހާ ފަރާތްތަކުގެ ލަފާ އަދި އިރުޝާދުގެ ދަށުން ކަމަށާއި އެގޮތުން އެކިއެކި އުމުރުފުރާތަކަށް ހާއްސަކޮށް ޕެކޭޖްތައް އެކުލަވާލާފައިވަނީ ކަމާގުޅޭ ޑޮކްޓަރުން އަދި ފަންނީ މާހިރުންގެ މަޝްވަރާއާއެކު ކަމަށްވެސް އެންސްޕާއިން ބުނެއެވެ.

އެންސްޕާއިން ބުނީ ޕެކޭޖްތައް އެކުލަވާލާފައިވަނީ ގައިންގަޔަށް ނާރާ ނުވަތަ ދިގުމުއްދަތަކަށް ފަރުވާކުރަންޖެހޭ ބޮޑެތި ބަލިތައް ދެނެގަނެވޭނެފަދަ ގޮތްތަކަށް ކަމަށާއި އެ ހިދުމަތް ތަންފީޒުކުރަން ފެށުމަށްފަހު މުރާޖައާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ ފަންނީ ބޭފުޅުންގެ އިރުޝާދާއެކު ޕެކޭޖްތައް މުރާޖައާކުރެވޭނެ ކަމަށެވެ.

އެންސްޕާއިން ބުނީ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދިނުމުށްޓަކައި ސިއްހީ ވުޒާރާ އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އާއެކު މަސައްކަތްކުރެވިފައިވާ ކަމަށާއި ސަރުކާރުގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް މެދުވެރިކޮށް މެޑިކަލް ޗެކަޕްގެ ހިދުމަތް ލިބިދެވޭނެ ކަމަށެވެ.