ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް، މުޖުތަމައުގައި ދަތި އުނދަގޫ އަދި ފަގީރު ހާލަތުގައި ދިރިއުޅެމުންދާ ގިނަ އާއިލާތަކަކަށާއި ކުޑަކުދިންނަށް އެހީތެރިވުމުގެ ގޮތުން 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ އެޖެންސީން ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިޖުތިމާޢީ ރައްކާތެރިކަމުގެ އެކި ޕްރޮގްރާމްތަކުގެ ދަށުން އެހީ ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހުން ބަލަހައްޓަމުންދާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ދަށުން، 98 ބެލެނިވެރިއަކަށާއި 132 ކުޑަކުދިންނަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. މި ބައިން އެހީގެ ގޮތުގައި ޖުމްލަ 181،000 (އެއްލައްކަ އަށްޑިހަ އެއްހާސް) ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާއިން މައުލޫމާތުދެއެވެ.

މީގެއިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ދަށުން 3,313 މައިންނާއި ބަފައިންނަށް އަދި 5,687 ކުޑަކުދިންނަށް ވަނީ މާލީ އެހީތެރިކަން ދީފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަލަށް 207 މައިންނާއި ބަފައިން ރަޖިސްޓްރީ ކޮށްފައިވާއިރު، މި އެހީއަށް ޖުމްލަ 17,061,000 (ސަތާރަ މިލިއަން ފަސްދޮޅަސް އެއްހާސް) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ހަމައެއާއެކު، ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ކާބޯތަކެތި ގަތުމަށް ދަތިވެފައިވާ ފަގީރު އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ މާލީ އެހީގެ ދަށުން، 659 ފަރާތަކަށް ޖުމްލަ 26,360 (ސައްބީސް ހާސް ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެންސްޕާގެ ދަށުން ހިންގާ މައިގަނޑު އެހީގެ ޕްރޮގްރާމްތަކަކީ ދިރިއުޅުމުގެ ހާލަތު ދަށް، މުޖުތަމައުގައި ދަތި އުނދަގޫ ހާލުގައި އުޅޭ އާއިލާތަކަށް މާލީގޮތުން އަޅާލުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ. މިފަދަ އެހީތަކުގެ ސަބަބުން ދިވެހި މުޖުތަމައުގައި އެކި ސަބަބުތަކާހުރެ ނިކަމެތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގައި އާއިލާތަކަށް މާލީގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދެއެވެ. އަދި އެހީ ބޭނުންވާ ފަރާތްތަކަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އެޖެންސީން އަބަދުވެސް އަންނަނީ ކުރަމުންނެވެ.