ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިދުމަތްތައް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ އެޖެންސީގެ ކޯލް ސެންޓަރު އައްޑޫ ސިޓީގައި ހުންނަ އެންސްޕާގެ އޮފީހުގައި ގާއިމްކޮށް، ހިދުމަތްދޭ ވަގުތުތައް އިތުރުކޮށްފިއެވެ.
އެންސްޕާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގައި ގާއިމްކުރި ކޯލް ސެންޓަރުގެ ހިދުމަތް 1 ޖުލައި 2026 އިން ފެށިގެން ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ. މިއީ އެ އެޖެންސީގެ ހިދުމަތްތައް ލާމަރުކަޒީކޮށް، ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބަދަލާއެކު، ކޯލް ސެންޓަރުގެ ހިދުމަތްދޭ ގަޑިތަކަށްވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. ކުރިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު (އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް) ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ހިދުމަތް ދެމުންދިޔަ ނަމަވެސް، މިހާރު ހަފްތާގެ 6 ދުވަހު މި ހިދުމަތް ލިބޭނެއެވެ.
އެގޮތުން، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކޯލް ސެންޓަރުގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.
އެންސްޕާއިން ހާމަކުރެއްވި ގޮތުގައި މި ގެނެވުނު ބަދަލުގެ މައިގަނޑު މަގުސަދަކީ، އެންސްޕާގެ އެކި އެހީތަކަށް އެދޭ ފަރާތްތަކަށާއި ހިދުމަތް ހޯދާ ރައްޔިތުންނަށް، ވީހާވެސް ފަސޭހަކަމާއެކު ހިދުމަތްތަކުގެ މައުލޫމާތާއި، އެހީތަކުގެ އަދާހަމަ (ސްޓޭޓަސް) ހޯދުމަށް މަގުފަހިކޮށްދިނުމެވެ. މި ބަދަލުގެ ސަބަބުން ގިނަ ވަގުތުތަކެއްގައި ރައްޔިތުންނަށް ފޯނު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެ އެޖެންސީން ގަބޫލުކުރެއެވެ.
