31 އަހަރުގެ ހިދުމަތަށްފަހު ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ ރިޓަޔާކުރައްވައިފިއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމުކަމުގައިވާ "ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފް"ގެ މަގާމު އަދާކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ކަމަށެވެ.

އަހުމަދު އަބްދުﷲ ގެ 31 އަހަރުގެ ސިފައިންގެ ހިދުމަތުގައި އެންމެ ފަހުން ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައި ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ދާދިފަހުން ދިވެހި ސިފައިންގެ ހިދުމަތަށް ދިގު މުއްދަތަށް ހިދުމަތްކުރެއްވި މޭޖާ ޖެނެރަލް ވައިސް ވަހީދުއާއި މޭޖާ ޖެނެރަލް ހާމިދު ޝަފީގު ހިދުމަތުން ރިޓަޔާކުރައްވާފައިވާއިރުއެންމެ ފަހުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ޝަމާލް ރިޓަޔާކުރައްވާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި 35 އަހަރުގެ ހިދުމަތަށްފަހުއެވެ.

މީގެ އިތުރުން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަމީދުވެސް މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ވަނީ ރިޓަޔާކުރައްވާފައެވެ.