އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ، މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް (މުފާ) ވެލެންސިއާގެ ނަމުގައި ހުށަހެޅި ސިޓީ އަކީ ފޯޖްކޮށްފައިވާ ސިޓީއެއް ކަމަށް ބުނެ އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައެވެ.

އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެފްއޭއެމްގެ އިންތިހާބުގައި މުފާގެ އިތުރުން ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި ރައްޔިތުންގެ މަޖިލިހުުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވެސް ވާދަކުރައްވައެވެ.

އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން އެފްއޭމްގެ ރައީސްއަށް ކުރިމަތިލާ މީހަކު ފުރަަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބެއްގެ ތާއީދު ލިބުނުކަމުގެ ލިޔުން ހުށަހަޅަން ޖެހޭއިރު އެ އިންތިހާބުގައި ވާދަކުރެއްވުމަށް ފުރަތަމަ ފޯމު ހުށަހެޅުއްވި ޓޮމް ފޯމު ހުށަހަޅުއްވާފައިވަނީ ވެލެންސިއާގެ އިތުރުން މާޒިޔާ އާއި ޓީސީގެ ތާއީދާއެކުގައެވެ.

އެހެން އެކަން އޮތްއިރު އެ އިންތިހާބުގައި ވާދަކުރައްވާ މުފާ ވިދާޅުވީ އޭނާއަށް ފުރަތަމަ ޑިވިޝަންގެ ހަ ކްލަބެއްގެ ތާއީދު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެލެންސިއާގެ އިތުރުން އީގަލްސްއާއި ވިކްޓަރީއާއި ގްރީން ސްޓްރީޓްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ބުރު ސްޕޯޓްސްއެވެ. މުފާގެ ވާހަކައަށް ބަލާނަމަ ޓޮމްގެ ކެންޑިޑެންސީ ބާތިލުކުރުމުގެ ފުރުސަތު އޮތްވާ ވިލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކުރައްވާ އެފްއޭއެމްއަށް ލިޔުއްވި ސިޓީގައި ބުނެފައިވަނީ އެ ކްލަބުގެ ތާއީދު އޮތީ ޓޮމްއާއެކު ކަމަށެވެ.

އަޒްމީންގެ ސިޓީގައި ބުނެފައިވަނީ އަދި އެހެން ކެންޑިޑޭޓަކަށް ތާއީދުކޮށް ވެލެންސިއާގެ ނަމުގައި ލިޔުމެއް ހުށަހަޅާފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށާއި އެ މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށާއި ޕޮލިހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެ ސިޓީއާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލު ލިޔުއްވާފައިވާ ސިޓީގައި ވަނީ ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށާއި އޭނާ ނޫން އެހެން މީހަކު ސޮއިކޮށްފައިވާ އެއްވެސް ލިއުމެއް ސައްހަ ނުވާނެ ކަމަށެވެ.