ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމާ ގުޅިގެން އައިޖީއެމްއެޗް ކައިރި، ދިވެހިރާއްޖޭގެ އަޑު ކައިރިގައާއި، ވެސްޓް ޕާކު ކައިރީގައި އަދި މާފަންނު ސްޓޭޑިއަމް ކައިރީގައި ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. މީގެއިތުރުން ޕޮލިޓެކްނިކް ކައިރީގައާއި، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައާއި އަދި ޕޯސްޓް އޮފީސް ކައިރީގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރާގައި، ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވަމުން އަންނައިރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ ލ.އަތޮޅުން ފެށިގެން ނ.އަތޮޅާ ހަމައަށް، މިއަދު 13:00 އިން ފެށިގެން 17:00 އާއި ހަމައަށް ޔެލޯއެލާޓް ނެރެފައެވެ. އަދި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދިގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު ކަމާއިގުޅޭ އިދާރާތަކުން ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.