ފުލުހުންގެ ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ދެ އޮޕަރޭޝަނުގެ ތެރެއިން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ކެފޭއެއް ބަލައިފާސްކޮށް، ބަނގުރަލާއެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އެކެފޭ ބަލައިފާސްކުރިއިރު 7 ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، 34 ފުޅި ބަނގުރަލާއެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މިމައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމާއި ގުޅިގެން އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މިމައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.