ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެ ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ.

މިއީ ހުސްވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.

މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު 28 ވަނަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކުރުމަށްފަހުއެވެ.

އެ ގެ ބަލައިފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ވަނީ ފެނިފައެވެ. މީގެ އިތުރުން، 38000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1100 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.