ބަނގުރާ ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ.ހިޔާ 4-18-15 / މާލެ، އަމާން އިބްރާހީމް (25އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1، ފޭސް 2 ވެމްކޯ ބުރިޖު ދަށުން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަމާން އިބްރާހިމް ބަލާ ފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާއިރު މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހު ފަހުކޮޅު ބަނގުރާ ހުސްކުރި ފުޅިތަކަކާއެކު، ހުޅުމާލޭ އެޕާޓްމަންޓަކުންވެސް ޒުވާނުންތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންގެ އިތުރުން، 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ.