ގޭސް ލީކްވެފައި ހުއްޓާ އުނދުނެއް ރޯކުރަން އުޅުމުގެ ތެރޭގައި އަލިފާން ހިފައި އަންހެނަކު ފިހިއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައި އެމްއެންޑީއެފުން ބުނީ، މާފަންނުގެ ގެއެއްގައި މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 2:20 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅިން އުނދުނަށް ގުޅާފައިވާ ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓައި އުނދުން ރޯކުރަން އުޅުމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންކަމުން ގޭސްފުޅިން އުނދުނަށް ގުޅާފައިވާ ހޮޅި ރަނގަޅުކޮށް، މައްސަލަ މިހާރު ހައްލުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މ. ބްލޫލައިޓްގޭގެ ހަވަނަ ފަންގިފިލާގައި ހިނގި މި ހާދިސާގެ ސަބަބުން އެ ފަންގިފިލާގައި ދިރިއުޅޭ ދިވެހި އަންހެނެއްގެ ހަށިގަނޑުގެ 10 ޕަސެންޓު ފިހިފައިވާތީ އޭނާ އަށް އަވަސް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ބްލޫލައިޓްގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ވެސް ތަޅައިގެން ދިޔަ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.