ޅ. ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުނު ދެމީހެއްގެ ގައިމައްޗަށް ފާރެއްވެއްޓި އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ފާރެއްވެއްޓި، ޅ. ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުނު ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާތީ އެމީހުން އިތުރުފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ފަތިހު 5:19 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު ވަގުތުން ހަރަކާތްތެރިވާން ފެށި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބަކްރާފްޓް 116" ގައި ހެނދުނު 6:47 ހާއިރު އެ ސަރަހަހައްދަށް ގޮސް 8 ޖަހާ ހާއިރު އެ ހާދިސާގައި އަނިޔާ ލިބުނު މީހުން އަވަސް ފަރުވާއަށް ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އަނިޔާވެފައިވަނީ 57 އަހަރުގެ އަންހެނަކަށާއި 27 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެހެންނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.