ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ 32 ޓަވަރުގެ ތެރެއިން 11 ޓަވަރެއްގެ ކޮންކްރީޓް މަސައްކަތްތައް ނިންމައިފި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އިންޑިއާގެ އެންބީސީސީއާ ހަވާލުކޮށްގެން އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" ޓަވަރުތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތުގެ ނަމޫނާ ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެފްޑީސީއިން ބުނީ އަމާން ދޯދި ޓަވަރު އެކެއްގެ ކޮންކްރީޓް މަސައްކަތް މިދިޔަ ހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް ނިންމާލެވިފައިވާ ކަމަށާއި މި ކާމިޔާބީގެ އަސްލަކީ އެ ކޯޕަރޭޝަނުން މަޝްރޫއު ގަޑިއަށް ނިންމުމަށްދޭ އަހައްމިއްޔަތު ކަން ކަމަށެވެ.

އެފްޑީސީއާ ހަވާލުކޮށްގެން ތަރައްގީކުރާ 4000 ހައުސިން ޔުނިޓުގެ ތެރެއިން 3 ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މާޗު މަހާއި ހަމައަށް ނިމޭނެ ކަމަށާއި ސްޓްރަކްޗާގެ އަމަލީ މަސައްކަތުގެ ބޮޑުބައި ނިމެމުންދާ ޓަވަރުތަކުގެ ފިނިޝިން މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި އޭގެ އިތުރުން ޕުޓީގެ މަސައްކަތާއި ޓައިލްސް ޖެހުމުގެ މަސައްކަތާއި ކަރަންޓު އަދި ފެން ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ.

އަމާން ދޯދި ޓަވަރުތަކުގައި ވެސް ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ޔުނިޓުތައް ހުންނައިރު ދެ ކޮޓަރީގެ ޔުނިޓްތައް ހުންނަނީ ތިން ލޭއައުޓަށެވެ. މި އެޕާޓްމަންޓުތަކުގައި ދެ ކޮޓަރި އާއި ދެ ފާހަނާ އާއި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ބެލްކަނީއަކީ ޔުޓިލިޓީ (ދޮންނަ މެޝިނު ފަދަ ތަކަތި ބަހައްޓަން ހާއްސަ) ބެލްކަނީއެއް ވެސް ހުރެއެވެ.