ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި އެމްޑީޕީގެ ދެ މެންބަރަކު އިންޑިއާގެ ސަފީރާ ބައްދަލުކުރެއްވި ކަމަށް ދޭހަވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އަސްލަމް ރޭ ރައްދުދެއްވައިފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ފޮޓޮއެއް އާންމުކޮށް ބުނީ، އަސްލަމްގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް، އިއްޔެ ހަވީރު 5:30 އިން ފެށިގެން ރޭގަނޑު 7:45 އަށް އަމީން އެވެނިއު އިމާރާތުގައި އިންޑިއާގެ ސަފީރު މޫނޫ މުހާވަރާ ބައްދަލުކުރެއްވި ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޮއިން ފެންނަނީ 'އަމީން އެވެނިއު އޯކް' އިމާރާތުން ނިޔާޒާއި ހުސައިން ނުކުންނަވާ މަންޒަރެވެ.
މި ފޮޓޮއަށް އިޝާރާތްކުރައްވައި ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައިސް ވިދާޅުވީ، އެ 'ބައްދަލުކުރެއްވުމަކީ' ގައުމީ ވިސްނުމެއްގައި ބޭއްވި، އަދި ހާލަތު އޮތް ގޮތުން ގައުމު ހަމަމަގަށް އެޅުއްވުމުގައި ރައީސް ކުރައްވާ މަސައްކަތުގައި ބައިވެރިވުމާ ބެހޭ ބައްދަލުވުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަދި މަޖިލިސްގެ ދެ މެންބަރަކު ބޭރުގެ ސަފީރަކާ ވަރަށް ގިނަ ވަގުތު ހަވީރުން ފެށިގެން ރޭގަނޑުވަންދެން ހުޅުމާލޭގަ ހުންނަ އަމީން އެވެނިއުގެ ކޮންމެވެސް ތަނެއްގަ ބައްދަލުކޮށްފަ ފައިބައިގެންދާ ތަނުގެ ފޮޓޯ އެބަ އުޅޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ، އޭނާ އަށް ބޭނުން ކޮންމެ މީހަކާ ވެސް ބައްދަލުކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ދޮގު މައުލޫމާތެއް ކަމަށެވެ.
"އަޅުގަނޑު ފޮރިން ޑިޕްލޮމެޓަކާ މިއަދު (އިއްޔެ) ބައްދަލެއްނުކުރަން އިނގޭތޯ" އަސްލަމް ވިދާޅުވިއެވެ.
މީޑިއާ އަށް ފޮނުއްވި މައުލޫމާތުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ، އަސްލަމް އެއްވެސް ގައުމެއްގެ ސަފީރަކާ އެކު ބައްދަލުވުމެއް ނުބާއްވަވާ ކަން ކަށަވަރު ކޮށްދެއްވައިފައެވެ.
"ރަސްމީ ބައްދަލުވުމެއްވެސް އަދި ނުރަސްމީ ބައްދަލުވުމެއްވެސް, އެއްވެސް ސަފީރަކާއެކު ބާއްވަވާފައިނުވާ ވާހަކަ ދަންނަވަމެވެ،" ޒިޔާއުގެ މެސެޖުގައި ވެއެވެ.
އެ ފޮޓޯއާ ގުޅިގެން ރައީސް ދެއްކެވި ވާހަކަތަކަށް ނިޔާޒު ވިދާޅުވީ، "އަމީން އެވެނިއުގަ ސަފީރުން ތިއްބަވާ ޓަވަރުތައް ރައީސުލްޖުމްހޫރިއްޔާ އަށް ސާފުވާން ޖެހޭނެ. މީ އިންޑިއާ ސަފީރު ދިރިއުޅުއްވާ ޓަވަރު ތޯ ޔަގީން ކުރައްވާފަ، ތެދު މައުލޫމާތު ރައީސްއަށް ދެއްވާ" އެވެ.