ޕީއެންސީއަށް ގުޅުމަށް އެމްޑީޕީ މެންބަރުންނަށް ރިޝްވަތުދޭން ހުށަހަޅާފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވަނީ ސަރުކާރުން މެންބަރުންނަށް ރިޝްވަތު ދީ މެންބަރުން ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގު ކުރައްވާފައެވެ.
މިއަދުގެ ރައްޔިތުންގެ މަޖީލީހުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ސަރުކާރުން އެމްޑީޕީ މެންބަރުންނަށް ރިޝްވަތު ދޭން ހުށަހަޅާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ބަލާއިރު އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް ވަނީ ސަރުކާރުން ރިޝްވަތު ދީގެން އެ ޕާޓީގެ ބައެއް މެންބަރުން ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީއިން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިރޭ ބާއްވާ ޕީއެންސީގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ޕީއެންސީއަށް ގުޅިވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެއީ ކިތައް މެންބަރުން ކަމެއް އަދި އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފު ނުވި ނަމަވެސް 6 މެންބަރެއްގެ ލިސްޓެއް ދަނީ ދައުރުވަމުންނެވެ.
ދައުރުވަމުން ދާ ލިސްޓް؛
- އަބްދުލްޣަނީ އަބްދުލްހަކީމް - ކުރެންދޫ ދާއިރާ
- މުހައްމަދު ރާޝިދު - ކޮމަންޑޫ ދާއިރާ
- އިބްރާހިމް ނަސީރު - މުލަކު ދާއިރާ
- އަބްދުލްމުހުސިން ހަމީދު - ނިލަންދޫ ދާއިރާ
- މުހައްމަދު ނިހާދު - ފޭދޫ ދާއިރާ
- އާދަމް އަލީ - މާފަންނު ދެކުނު ދާއިރާ
ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް ޕާޓީ، އެމްޑީޕީގެ 56 މެންބަރުން މިވަގުތު މަޖިލީހުގައި ތިއްބިވެއިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން އަށް ނިސްބަތްވާ ތިއްބެވީ 4 މެންބަރުންނެވެ.