ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ނަމުގައި ފޮނުވަމުން ދަނީ ސައްހަ ނޫން މެސެޖުތަކެއް ކަމަށް އެ ކޯޕަރޭޝަނުން މިއަދު 'އެކްސް' ގައި ބުނެފިއެވެ.

އެފްޑީސީ އިން ބުނީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިއުލާނު ކުރި ފްލެޓުތަކުގެ ތެރެއިން ފުރަތަމަ ފްލެޓު ލިބޭ 4000 މީހުންނަށް، ބައެއް ކަހަލަ ލިޔުންތަކެއް ހިމެނޭ ގޮތަށް މެސެޖުތަކެއް ފޮނުވަމުން ދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށެވެ. އެހެންނަމަވެސް އެ ކޯޕަރޭޝަނުން އެފަދަ އެއްވެސް މެސެޖެއް ފޮނުވަމުން ނުދާ ކަމުގައި އެފްޑީސީ އިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެފްޑީސީގެ ނަމުގައި މީހުންނަށް ފޮނުވަމުން ދަނީ ވައިބާ ކޮމިއުނިޓީއަކަށް ވަދެވޭ ލިންކެކެވެ. އެ ލިންކާ އެކު ފޮނުވާ މެސެޖުގައި ވަނީ އެ ފަރާތަކީ ފުރަތަމަ ފްލެޓު ލިބޭ 4000 މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށެވެ.

ކުރީ ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓާ މެދު މި ސަރުކާރުން އަދި ވަކި ގޮތެއް ނިންމައިފައެއް ނުވާއިރު، ހައުސިން މިނިސްޓަރީން ބުނެފައި ވަނީ އެ ލިސްޓާ މެދު ވަކި ގޮތެއް ނިންމާނީ އޭސީސީން އެ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށެވެ. ފްލެޓު ދިނުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކޮށް އޭސީސީން އެ މައްސަލަ ބަލަމުން އަންނައިރު ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ދަނީ އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.