ހުޅުމާލެ ފޭސް2ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އަށެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ފޭސް 2 ގެ އިރު އުތުރު ކަންމަތީގައި، އެމްއެންޑީއެފް އިން ޓްރޭނިން އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ އެކްސަސައިޒުގައި ބަރު ހަތިޔާރުން ކަނޑުގެ ސަރަހައްދަށް ލައިވް ވަޒަން ޖަހަމުން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލެ ފޭސް 2 ގެ އިރު އުތުރުން 6100 މީޓަރު ދުރުމިނަށް ކަމަށް ބުނެއެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ވެސް އެމްއެންޑީއެފް އިން ވަނީ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ތަމްރީންތައް ކުރިއަށް ގެންގޮސްފައި ވަނީ މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.