ފިޝަރީޒް ކޮލެޖް ގާއިމް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސްއިން ގައުމީ ޔުނިވާސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސްގެ ފަރާތުން ސޮއި އެމްއޯޔޫގައި ސޮއި ކުރެއްވީ މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުކަމުގައިވާއިރު އެ ސިނާއަތުގެ ތައުލީމު ދެވޭނެ ހަރުދަނީ ޒަމާނީ ނިޒާމެއް ގާއިމްވެފައި އޮތުމަކީ އެ ސިނާއަތް ކުރިއެރުވުމަށް އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.
އާ ސަރުކާރާއެކު މަސައްކަތް ފެށިއިރު ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ އާ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެއް ވާޖިބަކަށްވެގެން ދިޔައީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކުރާ ގޮތުގެ މަތިން މަސްވެރިކަމާއި ގުޅޭ ތަމްރީނު ދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން ކަމަށެވެ.
ފިޝަރިީޒް މިނިސްޓްރީއިން މިހާރު މަސައްކަތް ކުރަނީ މަސްވެރިކަމުގެ ކަންކަން ހިންގުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހުންނަ ފުރުސަތުތަކާއި މި ސިނާއަތުން ދިވެހިރާއްޖޭގެ އިގްތިސޯދަށް ހޯދޭނެ މަންފާ ދިރާސާ ކުރަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން މި ސިނާއަތުގެ ތަމްރީނާއި ތައުލީމު ދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދިއުމާއެކު އެ މަގްސަދު ހާސިލްކުރުމަށްޓަކައި މަގު ކޮށިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ ގައުމީ ޔުނިވާސިޓީއަކީ ފިޝަރީޒް މިނިސްޓްރީއާއެކު މިކަން ކުރުމުގެ އެންމެ ތަޖުރިބާ އަދި ގާބިލްކަން ހުރި ފަރާތް ކަމަށެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގައި ވަސީލަތްތަކާއި ފަންނީ ބޭފުޅުން ތިބިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
މި ސިނާއަތުގައި ގިނަ އަދަދެއްގެ ވަޒީފާ ހުރި ނަމަވެސް ނިޒާމުގެ ތެރެއިން ތައްޔާރު ކުރެވިފައިވާ ދިވެހިން މަދުކަން ފާހަގަ ކުރެވޭ ކަމަށާއި މިވަގުތު ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާ ފެކްޓްރީތަކުގައި ވެސް ދިވެހިންނަށް އަދާ ކުރެވޭ ފަދަ ވަޒީފާތަކުގައި ބިދޭސީއިން މަސައްކަތް ކުރާތަން ފެންނަކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ތައުލީމާއި ތަމްރީނު ރާއްޖެއިން ފޯރުކޮށްދޭން ފެށުމުން ދިވެހި ޒުވާނުން އެފަދަ ވަޒީފާތަކުން ފެންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ ސިނާއަތާ ގުޅުން ހުރި އަދި ފައިދާވާނެ ޕްރޮގްރާމްތަކަށްވާނެ ކަމަށާއި އުންމީދު ކުރައްވަނީ ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީ ލެވެލްއާ ހިސާބަށް ކޯސްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އދި މިހާރު ވެސް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއާރްއައި)ގައި ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގަމުންދިޔަނަމަވެސް މި އެއްބަސްވުމާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.