އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އަހްމަދު ރަޝީދު (ޕޮކަންޑި) އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަންކުރެއްވުމަށްފަހު ފޮކަންޑި ވިދާޅުވީ އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާއިތުވި 5 އަހަރު އާބަންކޯ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ ކަމަށެވެ.

ދިވެހި އެންމެހާ ރައްޔިތުންގެ ދިރިއުޅުމާއި ކުރިމަގާ ގުޅިފައިވާ ހުޅުމާލޭގެ ހުރިހާ ބިންތައް އެއްކޮށް ވެރިކަން ނިމުމުގެ ކުރިން ކަޅު ފައިސާގެ ދަހިވެތިކަމުގައި ބަހައިލުމަކީ ބޮޑު ޖަރީމާއެއް ކަމަށްވެސް ފޮކަންޑި ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއިން ތައުލީމް ހާސިލު ކުރައްވައިގެން ހުންނެވި ފޮކަންޑި މީީގެ ކުރިން ވަޒީފާ އަދާ ކުރެއްވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އޮފިސަރެއްގެ މަގާމުގައެވެ. އެހެންނަމަވެސް މިދިޔަ ސަރުކާރާ ދެކޮޅަށް އޭނާ ކުރެއްވި ޓުވީޓަކާ ގުޅިގެން އެ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

ދިޔަރެސް ނޫހުގެ ކޯ ފައުންޑާގެ ގޮތުގައި ވެސް ހުންނެވި ފޮކަންޑި ވަނީ ވަޒީފާއިން ވަކިކުރި ފަހުން މިދިޔަ ސަރުކާރުގައި ކޮށްފައިވާ ކޮރަޕްޝަނާ ގުޅޭގޮތުންވެސް ވަރަށް ގަދައަށް އަޑުއުފުލާފައެވެ.